އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ގައުމު ދޫކުރައްވައި ތަޖިކިސްތާނަށް ވަޑައިގެންފިއެވެ.
ރައީސް ގައުމު ދޫކުރައްވައި ވަޑައިގެންފައި މިވަނީ ތާލިބާނުން ކާބުލް ކޮންޓްރޯލުކޮށް ހުރިހާ ބާރުތަކެއް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށެވެ.
20 އަހަރަށްފަހު އެމެރިކާއާ ގުޅިގެން ހިންގަމުން އަންނަ އަފްގާނިސްތާނު ސަރުކާރުގެ ބާރު ކަނޑުވާލައި ތާލިބާނުން މިއަދު ވަނީ ކާބުލް، އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
އެ ސިޓީ ވަށައިގެން ތާލިބާނު ހަނގުރާމަވެރިން ތިބިއިރު ތާލިބާނުންގެ ތަރުޖަމާނު ސުހައިލް ޝާހީން މައުލޫމާތުދޭ ގޮތުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން ތިބީ މަޝްވަރާތައް ކުރިއަށްދާތީ ކާބުލްއަށް ނާރައި މަޑުކޮށްގެންނެވެ.ސުލްހަވެރިކަމާއެކު ބާރުތައް ހަވާލުކުރަންދެން މަޑުކޮށްގެން ތިބި ކަމަށާއި ގަދަބާރުން އެ ސިޓީއަށް އެރުމަށް ނުވިސްނާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނުގައި ވަނީ ލޭ އޮހޮރުވުމަކަށް ނުގޮސް ސުލްހަވެރިކަމާއެކު ބާރުތައް ބަދަލުކުރުމަށް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.
އެގައުމުގެ ސަރުކާރު ވުޒާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ހާސްކަމުގެ ތެރޭގައި އޮފީސްތައް ދޫކޮށް ގޮސްފައެވެ. 1000 އެއްހާ ރައްޔިތުން، ދެން ވާނެ ގޮތެއްގެ ބިރުވެރިކަމުގައި ޕާކުތަކަށާއި ހުސްބިންތަކަށް ވަނީ ނުކުމެފައެވެ.
ރައީސް އަޝްރަފް ގަނީގެ ޗީފް އޮފް ސްޓާފް މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ހާސްނުވުމަށާއި ކާބުލް އޮތީ ކޮންޓްރޯލުގައި ކަމަށެވެ. އަދި އިންޓީރިއާ މިނިސްޓަރު ވަނީ ސުލްހަވެރިކަމާއެކު ބާރުތައް ބަދަލުކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
މިކަމުގައި ރައީސްގެ ފަރާތްޕުޅުން އެއްވެސް ބަހެއް އިއްވާފައިނުވާ އިރު، އދ އަދި ނޭޓޯގެ އިސް އޮފިޝަލުންނާ އިމަޖެންސީކޮށް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް އޭރު ސަރުކާރު އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
ކާބުލްގެ މަގުތަކުން ފެންނަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ހަނގުރާމަ ފެށިދާނެކަމުގެ ބިރު ހީވެ އެއްބަޔަކު ގެއަށް ދިއުމަށް އަވަދިނެތި އުޅޭއިރު އަނެއް ބަޔަކު އުޅެނީ ފުރައިގެން ދިއުމަށް އެއާޕޯޓަށް ދިއުމުގެ މަސައްކަތުގައެވެ. އެހެންކަމުން މަގުމަތީގައި ކާރޫބާރު ބޮޑުވެފައިވާ ކަމަށް ހަބަރު ލިބެއެވެ.
އެމެރިކާގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި އެމެރިކާ ޑިޕްލޮމެޓުން އެތަނުން ބޭރުކުރުމަށް ހެލިކޮޕްޓަރުގައި ކާބުލް އެއާޕޯޓަށް ގެންގޮސްފައިވާ އިރު، އެގައުމުން އެމެރިކާ މީހުން ބޭރުކުރުމުގެ މަސައްކަތްކުރުމަށް ވަފުދުތައް ފޮނުވަމުންދާ ކަމަށެވެ.
ތާލިބާނުން އަފްގާނަށް އަތްގަދަކޮށްފައިވާ އިރު، ބިލިއަނުން ހަރަދުކޮށް އެތަކެއް އަހަރުތަކެއް ވަންދެން އެމެރިކާއިން ހިންގި ތަމްރީނުތަތަކުން ވީ ކަމެއް ނެތްކަމުގައި ގިނަ ބަޔަކު ބުނެއެވެ. މީގެ ކުޑަދުވަސްކޮޅެއް ކުރިން އެމެރިކާގެ ޖާސޫސީ އިދާރާއަކުން ވަނީ ތާލިބާނުންގެ އަތްދަށަށް އަފްގާނު ދާކަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ލަފާކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ