ޚަބަރު

އޭޑީބީއާއި ގުޅިގެން ހިންގާ ޕްރޮޖެކްޓް ނިމުމުން ތިލަފުށި ކުނިގޮނޑުން ދުން އެރުން ހުއްޓުވޭނެ: ވެމްކޯ

ރިފާ ހަލީލު

ތިލަފުށީ ކުނިގޮނޑުން ދުން އެރުން ހުއްޓުވުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް(އޭޑީބީ)އާ ގުޅިގެން ހާއްސަ ޕްރޮޖެކްޓެއް ކުރިއަށް ގެންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

"ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގައި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖުކުރުމަށްޓަކައި މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި މިވަގުތު އެންމެ އިސްކަމެއް ދީގެން ހިންގާ އެއް މަޝްރޫއަކީ އޭޑިބީއާ ގުޅިގެން ހިންގާ މަޝްރޫއެއް ކަމަށާއި މި މަޝްރޫއުގެ މަސައްކަތް ނިމުމުން ތިލަފުށި ކުނިގޮނޑުން އަރާ ދުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް އާދަމް ވިދާޅުވި އެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި މި މަސައްކަތުގެ ތެރެއިން މިހާރު ތިލަފުށީގައި އޮތް ކުނި ގޮނޑު އެތައް ލޭޔަރަކަށް ބަދަލުކޮށް އެތާ މަތީގައި މަސައްކަތްތަށް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ މި ޕްރޮޖެކްޓްގެ ތެރެއިން އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ވެމްކޯ ސައިޓު އަޕްގްރޭޑުގެ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އެގޮތުން ވެލީގެ ޓެސްޓް ހެދުމަށް ކޮންޓްރެކްޓަރާ އެކީ މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ވިލިނގިލީގެ ވޭސްޓް ޔާޑު އަޕްގްރޭޑު ކުރުމުގެ މަސައްކަތާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހަތް ހާސް ފުލެޓު ސަރަހައްދުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތް ފަށައިގަންނަން ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

އަތޮޅުތެރޭގައި ހިންގާ މަޝްރޫއުތަކަށް ބަލާއިރު އާދަމް ވިދާޅުވި ގޮތުގައި މިހާރު އެންމެ މުހިންމު އެއް މަސައްކަތެއް ގޮތުގައި ކުރިއަށްދަނީ ވޯލްޑް ބޭންކުގެ އެހީގައި ރ. ވަންދޫގައި ގާއިމުކުރާ ޖެނެރަލް ފެސިލިޓީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި އެތަނުން ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމުގެ މަސައްކަތް ކަމަށެވެ.

"މާލެ ފިޔަވައި އަތޮޅުތަކަށްވެސް އަޅުގަނޑުމެން މުހިންމު އިސްކަމެއްދީގެން ޕްރޮޖެކްޓްތައް އެބަ ހިންގަން. މިވަގުތު އެންމެ މުހިންމު އިސްކަމެއް ދީގެން ކުރަމުން މިއަންނަނީ ވަންދޫ ކުނި މެނޭޖުކުރާނެ ފެސިލިޓީއެއް ގާއިމުކުރުން. އޭގެ މަސައްކަތް މީގެ ކުރިން ފެށިނަމަވެސް އެއްކޮށް ނުނިމި ހުރި މަސައްކަތްތައް ނިންމައި ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހިދުމަތްދިނުމަށް އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ. މިއަހަރު ނިމުމުގެ ކުރިން އެ ފެސިލިޓިގެ މަސައްކަތްތައް ފެށުން އަޅުގަނޑުމެންގެ އަމާޒަކީ." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ކުނި މެނޭޖުކުރުމަށް ވެމްކޯއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެންމެ ގޮންޖެހުން ބޮޑު އެއް މަސައްކަތަކީ ފުވައްމުލަކު ސިޓީގެ ޒަމާންވީ ކުނިގޮނޑު ނައްތައިލުމުގެ މަސައްކަތް ކަމަށް އާދަމް ވިދާޅުވި އެވެ. އައްޑޫސިޓީގައި ވެސް ކުނި މެނޭޖުކުރުމަށް ހާއްސަ ޕްރޮޖެކްޓެއް ހިންގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެހެން ރަށްރަށާ އަޅައިބަލާއިރު ފުވައްމުލަކު ކުނި ނައްތާލަން ދަތި. އެއީ ހުރިހާ ކުންޏެއް އެއްތަނަކަށް އަޅާތާ ވަރަށް ޒަމާންވެއްޖެ. އަދި ޗަސްބިންތަކުގައި ހުންނަ ޗަކަ ކުންޏާ މިކްސްވެފަ ހުރީމަ އެ ފުރޭނުމަށް ވަރަށް ދަތިތައް އެބަހުރި. އެހެންވެ އެރަށުގެ މަސައްކަތްތައް ދަނީ ވަރަށް ސްލޯކޮށް. އެހެން ރަށްތަކާ އަޅައިބަލާއިރު އެތަނަށް އެކަނި ދެގުނަ މުވައްޒަފުންނާއި ސާމާނު ބޭނުންވޭ."

އާދަމް ވިދާޅުވީ ލެގަސީ ވޭސްޓް ޕްރޮޖެކްޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެގޮތުން ވިއްސަކަށް ދުވަސްތެރޭ ގދ. ތިނަދޫ އާއި ގއ. ވިލިނގިލީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ނިންމާލެވިއްޖެ ކަމަށެވެ. އަދި އޭގެ އިތުރުން ތ. ކަނޑޫދޫ ނިންމައި ތ. މަޑިފުށީގެ 80 ޕަސެންޓު މަސައްކަތް ވެސް ނިންމާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ލެގަސީ ވޭސްޓް ޕްރޮޖެކްޓުގެ ދަށުން އެއްވެސް ވަރަކަށް މަސައްކަތް ނުފެށި އޮތީ ހއ. ކެލަޔާއި ހދ. ވައިކަރަދޫ އާއި ކުޅުދުއްފުށި ސިޓީ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަށްތަކުގައި ހުރި ގޮންޖެހުމަކީ އެ ރަށްރަށުގައި ހުރި ކުނި ޖަމާ ކުރަން ޖެހޭނީ އެރަށްތަކާ ކައިރީގައި އޮންނަ ފަޅުރަށަކަށް ކަމަށް ވުމުން ކަމަށެވެ. އަދި މިއީ އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރަށަކަށް ވުމުން އެކަމަށް ބޭނުންވާ ހުއްދަތައް އަދި ނުލިބޭ ކަމަށާއި ނަމަވެސް ހުއްދަތައް ނެގުމަށް ބޭނުންވާ އީއައިއޭ ރިޕޯޓު ނިންމައި މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށްވެސް އާދަމް ވިދާޅުވި އެވެ.

ކުނި މެނޭޖްކުރުމަށް ވެމްކޯއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އާދަމް ވިދާޅުވީ ބޭނުންވަނީ ވީހާވެސް ގިނައިން ދިވެހި މުވައްޒަފުން ކަމަށާއި ނަމަވެސް ވެމްކޯގައި ބޭނުންކުރާ ބައެއް ކަހަލަ ވެހިކަލް އޮޕަރޭޓު ކުރުމަށް ދިވެހިން ނުލިބޭ ކަމަށެވެ. އެހެން ކަމުން މި ދާއިރާތަކުން ދިވެހިން ބިނާ ކުރުމުގެ މަސައްކަތް ކުރުމަށް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.