ކުޅިވަރު

އާ ކުޅުންތެރިން ސްޓޭޑިއަމަށް ތައާރަފް ކުރި މެޗުގައި ޕީއެސްޖީއަށް މޮޅެއް

ލީގު ވަންގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ސްޓްރަސްބާގު ކައިރިން ބޮޑު މޮޅެއް ހޯދާފައިވާ އިރު، މި ޓްރާންސްފާ ސީޒަނުގައި އެޓީމަށް އަލަށް ގެންދިޔަ ވަރުގަދަ ކުޅުންތެރިންތައް ސްޓޭޑިއަމަށް ވަދެ ތިބި އެތައް ހާސް ސަޕޯޓަރުންނަށް ތައާރަފު ކޮށްލައިފިއެވެ.

ޕީއެސްޖީން ރޭ ކުޅެފައި ވަނީ އާ ސީޒަންގައި އެޓީމުން ކުޅުނު ދެވަނަ މެޗެވެ. ރޭގެ މެޗުގައި ސްޓްރަސްބާގު ކައިރިން މޮޅުވީ 4-2 ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުގެ ކުރިން ޕީއެސްޖީން ވަނީ އަލަށް ޓީމަށް ގެންދިޔަ އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ އާއި ޑިފެންޑަރު ސާޖިއޯ ރާމޯސްގެ އިތުރުން މިޑްފީލްޑަރު ޖީނީ ވައިނާލްޑަމް އަދި އަޝްރަފު ހަކީމީއާ އެކު ލިއޮނަލް މެސީވެސް ސަޕޯޓަރުންނަށް ތައާރަފު ކޮށްލައިފައެވެ.

އަލަށް ޓީމަށް ގެންދިޔަ ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކުޅެފައި ވަނީ އަޝްރަފު ހަކީމީ އާއި ވައިނާލްޑަމް އެކަންޏެވެ. ޕީއެސްޖީން ރޭ ކުޅުނު މެޗުގައި މެސީ އާއި ނޭމާގެ އިތުރުން ޑޮނަރޫމާ އާއި ރާމޯސްވެސް ބެންޗުގައި ނެތެވެ. ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފައި ވަނީ މެޗު ފިޓްނަސްއަށް ވަގުތު ދޭން ޖެހޭ ކަމަށާއި މެސީގެ ފުރަތަމަ ފެނިލުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

ރޭގެ މެޗުގައި ތަރިއަކަށްވީ ކިލިއަން އެމްބާޕޭއެވެ. އޭނާގެ ހުނަރު މެޗުގައި ފުރިހަމައަށް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ 30 މިނެޓާ ހަމައަށް ދިޔަ އިރު، ޕީއެސްޖީން ތިން ގޯލުވެސް ޖަހައި މެޗުން ތިން ޕޮއިންޓް ގާތްގަނޑަކަށް ޔަގީންކުރިއެވެ. މެޗުގައި ޕީއެސްޖީގެ ގޯލްތައް ޖަހައި ދިނީ މައުރޯ އިކާޑީ އާއި އެމްބާޕޭގެ އިތުރުން ޑްރެގްޒްލާ އާއި ސަރާބިއާއެވެ.

ޕީއެސްޖީން ދެން ކުޅޭ މެޗު އޮންނާނީ 21 އޯގަސްޓް ވާ ހޮނިހިރު ދުވަހުއެވެ. އެ މެޗުގައި މެސީ ފެނުން އެކަށީގެންވެއެވެ. ރާމޯސް މިވަގުތު އަނިޔާގައި ހުރުމުން އޭނާ ޕީއެސްޖީ ޖާޒީގައި ކުޅޭ ފުރަތަމަ މެޗަށް އަދި ޖެހޭނީ އިންތިޒާރު ކުރާށެވެ.