ޚަބަރު

ކުނި ނަގާ އުސޫލަށް ބަދަލު ގެންނާނީ އެޗްޕީއޭއާ މަޝްވަރާ ކުރުމަށްފަހު: ވެމްކޯ

އަލީ އަފާފު ރަމީޒު

ގޭބިސީތަކުން ކުނި ނެގުމުގެ އުސޫލަށް ބަދަލު ގެންނާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވެމްކޯއިން ބުނެފިއެވެ.

ތާޖުއްދީން ސްކޫލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީންވެސް އަމަލު ކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފަށަން ޖެހޭ ކަމަަށެވެ. އަދި އެކަމާ ގުޅޭގޮތުން ވެމްކޯއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުނި ނެގުމުގެ އުސޫލަށް ބަދަލު ގެނެސްފައިނުވާ ކަމަށާއި ބަދަލު ގެންނަނީ ސަރުކާރާއި އެޗްޕީއޭއާ އެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ވެމްކޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި އެޅުނު ހާއްސަ ފިޔަވަޅެއްގެ ގޮތުން އޭޕްރީލް 16، 2020 އިން ފެށިގެން މާލެ ސަރަހައްދުގައި ކުނި ނަގާ އުސޫލު ބަދަލުކޮށްފައިވާއިރު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުނި ނަގާ އުސޫލަށް ބަދަލު ގެންނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

"މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުންދިޔުމާ ގުޅިގެން މިކަމަށް ރިއާޔަތްކޮށް މިކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ބަދަލުގެނައުމަށް އެޗްޕީއޭ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް މިކޯޕަރޭޝަނުން ގޮތެއް ނިންމުމަށް ފަހު އެކަން އިއުލާނު ކުރެވޭނެ ވާހަކަ ދަންނަވަން،" ވެމްކޯގެ ބަޔާނުގައިވެއެވެ.

އާދަމް މުހައްމަދު އިއްޔެ "ވަން" އަށް ވިދާޅުވެފައިވާ ގޮތުގައި މާލޭ ސިޓީ ކައުންސިލުގެ ޓީމެއް އެ ކުންފުންޏާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރީންވެސް އަމަލުކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފެށުމަށް އެދިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންވާނެ އެގޮތަށް ސިޓީ ކައުންސިލުން އެކަން ކުރަން ބޭނުން ނަމަ އެގޮތަށް ކުރަން ނިންމާފައި. އަޅުގަނޑުމެންނަށްވެސް ގަބޫލު ކުރެވޭ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އެއީ،" އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ، ގޭގެއަށް ވަދެ ކުނި ނަގަން ފެށުމުގެ ސަބަބުން ބިލު ނުދައްކާ ހިދުމަތް ލިބިގަންނަ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މާލޭ ސަރަހައްދުގެ 50 އިންސައްތަ ގޭބިސީން ވެމްކޯގެ ހިދުމަތް ހޯދުމަށް ފަހު ފައިސާ ނުދައްކާ ކަމަށާއި އެކަމުގެ މާލީ ގެއްލުން ކުންފުންޏަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ.