އެކަށީގެންވާ ވަރަށް ވެކްސިން ލިބިފައިވާތީ ރަޝިޔާގެ ސްޕުޓްނިކް ވެކްސިން ހޯދުން ހުއްޓާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރަޝިއާގެ ސްޕުޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ވެކްސިނަށް އޯޑަރު ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ނަޒްލާ ރަފީގް މިއަދު ވިދާޅުވީ، އެކަށީގެންވާ ވަރަށް ރާއްޖެ އަށް ވެކްސިން ލިބިފައިވާތީ، ސްޕުޓްނިކް ވެކްސިން ހޯދުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ ވެކްސިން ހޯދުމަށް މީގެ ކުރިން މަޝްވަރާތައް ކުރި ނަމަވެސް އެއްވެސް ފައިސާއެއް އެކަމަށް ހަރަދުކޮށްފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދާދި ފަހުން އެމެރިކާއިން ރާއްޖެއަށް ވަނީ ފައިޒާ ވެކްސިންގެ 128700 ޑޯޒް ވެކްސިން ހަދިޔާ ކޮށްފަ އެވެ. އެއާ އެކު ރާއްޖޭގެ އާބާދީއަށް ދެވޭ ވަރަށް ވެކްސިން ހަމަވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިއްޔެއާ ހަމައަށް 342،511 ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ، 294،109 މީހުނެވެ.