އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާ މަރިޔަމް ޝިއުނާ ލަދު ގަންނަ ވަރުގެ ޗެޓްލޮގްތަކެއް އެބަ ހުރި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވި ނަމަވެސް އެކަމަށް އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުން ނުވާކަމަށް އައްސަދު ވިދާޅުވެއްޖެ އެވެ.
އައްސަދާއި ޝިއުނާ އުޅުއްވަނީ މަތިފުށް އޮމާން ކުރައްވައިގެން ނަޒާހަތްތެރި ބައެއް ކަމަށް ދައްކައިގެން ކަމަށާއި ނަމަވެސް އެ ދެބޭފުޅުން ލަދުގަންނަ ވަރުގެ ޗެޓްލޮގްތަކެއް އެބަހުރި ކަމަށް މަހްލޫފް ރޭ ވަނީ ވިދާޅުވެފަ އެވެ. އެ ޗެޓްލޮގްތައް އާންމުކޮށްފި ނަމަ އެ މީހުންގެ އިންޓެގްރިޓީ ގެއްލޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. އަދި އޭނާގެ މައްސަލަ ޝަރީއަތާ ހަމައަށް ގެންގޮސްފި ނަމަ ދައުލަތް އޮރިޔާން ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެކަމާއި ގުޅިގެން މިއަދު 'ވަން' އިން އަަސްއަދުއާ ސުވާލު ކުރުމުން ވިދާޅުވީ، އެކަމާ ވިދާޅުވާނެ އެއްވެސް ވާހަކައެއް ނެތް ކަމަށާއި ފޯކަސް ހުރީ މަސައްކަތަށް ކަމަށެވެ.
"އަޅުގަނޑުގެ އެއްވެސް ކޮމެންޓެއް ނެތް. ކޯޓަށް ދިޔައީމަ ކޯޓުން ނިންމާނެ ދެއްތޯ،" އަސްއަދު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އޭސީސީގެ ރައީސް ޝިއުނާގެ ކޮމެންޓެއް ހޯދުމަށް ތަކުރާރުކޮށް ފޯނަށް ގުޅައި މެސެޖް ކުރުމުން ވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
މަހްލޫފްގެ ތަހުގީގު ނިންމައި ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ދައުވާ ކުރުމާ ގުޅޭ ގޮތުން ޕީޖީން ގޮތެއް ނިންމާފައި ނުވަތީ އެ މައްސަލަ އޮތީ މަޑު ޖެހިފަ އެވެ. މުސާރަ ލިބޭ ގޮތަށް މަހްލޫފް ހުންނެވީ މަސައްކަތްތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފަ އެވެ. މައްސަލަ ދިގުލައިގެން ގޮސް ގިނަ ދުވަސްތަކެއްވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި އެ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު