ނެޕޮޓިޒަމުން ފައިދާއެއް ކުރާ ނަމަ، ފެނިގެންދާނީ ހީރޯއެއްގެ ރޯލުން ކަމުގައި ބޮލީވުޑް ތަރި މޯނިޝް ބާލް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ނެޕޮޓިޒަމްގެ ބާރު އިންޑަސްޓްރީގައި ގަދަކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެމުން ދެއްކި ވާހަކައެއްގައެވެ.

ގިނަ ފިލްމުތަކެއްގައި ސައިޑް ރޯލުތަކުންނާއި ނެގެޓިވް ރޯލުތަކަށް މަޝްހޫރު މޯނިޝް ބާލްގެ މަންމައަކީ ކުރީގެ ބަތަލާ ނުޓާންގެ ދަރިއެކެވެ. އަދި މޯނިޝްގެ އަންހެން ދަރިފުޅު ޕްރަނުޓާން ވަނީ ފިލްމު ''ނޯޓްބުކް'' އިން އިންޑަސްޓްރީއަށް ނުކުމެފައެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މޯނިޝް ބުނެފައިވަނީ ދަރިފުޅު ޕްރަނުޓާން އޮޑިޝަން ތަކަށް ދިޔައިރު އާއިލާގެ ނަން ހާމަކޮށްފައި ނުވާ ކަމަށާއި އާއިލާގެ އެއްވެސް ނުފޫޒެއް ނެތި އޮޑިޝަންތައް ދެމުން ގޮސް ފިލްމަކަށް ހޮވިފައިވަނީ އަމިއްލައަށް ކުރި މަސައްކަތުން ކަމަށެވެ. އަދި އިންޑަސްޓްރީއަށް ނިސްބަތްވާ މީހެއްގެ ދަރިއެއްކަން ހާމަކުރަން ދަރިފުޅު ބޭނުން ނުވީ އަމިއްލަ މަސައްކަތުން ކުރިއެރުމަށް ކަމުގައި މޯނިޝް ވަނީ ބުނެފައެވެ.

އިންޑަސްޓްރީއަށް ނިސްބަތްވާ މީހެއްގެ ދަރިއެއް ނަމަ އޮޑިޝަންތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށް އޭނާ ވެސް ގަބޫލު ކުރާ ކަމަށާއި ނަމަވެސް އޮޑިޝަންތަކުގައި ދައްކައިދެނީ އެމީހެއްގެ އަމިއްލަ ހުނަރު ކަމުގައި މޯނިޝް ބުނެއެވެ.

އާއިލީ ބާރެއްނެތި ބޭރުން އިންޑަސްޓްރީއަށް އައިސް ފައިހަމަކުރާ މީހުންނަށް ތައުރީފު ހައްގު ކަމަށާއި ނަމަވެސް އިންޑަސްޓްރީގެ މީހެއްގެ ދަރިއަކަށް ވުމުން ލަދުގަންނަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމުގައި މޯނިޝް ވަނީ ފާހަގަކޮށްފައެވެ.

މޯނިޝްގެ މާމަ ޝޮބާނާ ސަމަރްތު އިން ފެށިގެން މަންމަ ނުޓާން، ބޮޑުދައިތަ ތަނޫޖާ އަދި ދެބޭންގެ ދެދަރި ކާޖަލް އަދި އަޖޭއަކީ ވެސް އާއިލާ މީހުންނެވެ. ''ތެދަށް ބުނަންޏާ، ނެޕޮޓިޒަމުން ފައިދާ ކުރާނަމަ، މަންމައަކީ ނުޓާންއަށް ވާތީ އަހަރެންވެސް ފެނިގެންދާންވާނީ ނެގެޓިވް ރޯލްތަކުގެ ބަދަލުގައި ހީރޯއެއްގެ ރޯލުން. މިކަހަލަ އެތައް ބައެއްގެ މިސާލު ދެއްކިދާނެ. އެކްޓަރެއްގެ ދަރިއަކަށްވުރެ ބޭރުން އައިސް އިންޑަސްޓްރީގެ ކުރީގައި އުޅޭ މީހުން މާ ގިނަ.'' ނެޕޮޓިޒަމްގެ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް ބުނެ މޯނިޝް ފާހަގަކޮށްފައިވެއެވެ.

މޯނިޝް ބާލް ފިލްމު އިންޑަސްޓްރީއަށް ނުކުމެފައިވަނީ 1983 ގައި ފިލްމު ''ބޭޤަރާރް'' އިންނެވެ. އޭނާއަށް މަޝްހޫރުކަން ލިބިގެން ދިޔައީ ފިލްމު "މެއިނޭ ޕިޔާރް ކިޔާ''ގައި ދައްކައިދިން ނެގެޓިވް ރޯލުންނެވެ. އެއަށްފަހު ''ހަމް އާޕްކޭ ހޭ ކޯން'' އަދި ''ހަމް ސާތު ސާތު ހޭން'' ފަދަ ފިލްމުތަކުގައި ހުށަހަޅައިދިން ސައިޑް ރޯލުތަކުން ބެލުންތެރިންގެ މަގުބޫލުކަން ވަނީ ހޯދައިފައެވެ.

ފިލްމުތަކުގެ އިތުރުން މޯނިޝް ވަނީ ބައެއް ޓީވީ ޑްރާމާތަކުގައިވެސް ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި ''ސަންޖީވަނީ'' ''ކަހާނީ ގަރް ގަރް ކީ'' އަދި ''ކުޗް ތޮ ލޯގް ކަހޭން'' ފަދަ ސީރީސްތައް ހިމެނެއެވެ.