އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާ މަރިޔަމް ޝިއުނާ ލަދު ގަންނަ ވަރުގެ ޗެޓްލޮގްތަކެއް އެބަ ހުރި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެސީސީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އެއާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިނިސްޓަރު މަހުލޫފު މަގާމުން އެކަހެރިކުރައްވާފައެވެ.

ކްލަބް ހައުސް ގައި ރޭ ކުރިއަށް ދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި މަހުލޫފު ވިދާޅުވީ، އައްސަދާއި ޝިއުނާ އުޅުއްވަނީ މަތިފުށް އޮމާން ކުރައްވައިގެން ނަޒާހަތްތެރި ބައެއް ކަމަށް ދައްކައިގެން ކަމަށެވެ. ނަމަވެސް އެ ދެބޭފުޅުންވެސް ލަދުގަންނަ ވަރުގެ ޗެޓްލޮގްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

"އައްސަދުމެން ޝިއުނާމެން ކޮށްފައި ހުރި ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އަތުގައި އެބަ ހުރި. މި ޗެޓްލޮގްތައް ހާމަކޮށްފިނަމަ މި މީހުންގެ އިންޓެގްރިޓީ ގެއްލިދާނެ،" މަހްލޫފް ވިދާޅުވިއެވެ.

މަހުލޫފު ވަނީ އޭނާގެ މައްސަލަ ޝަރީއަތާ ހަމައަށް ގެންގޮސްފި ނަމަ ދައުލަތް އޮރިޔާން ވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ، އޭނާއަށް ދައުވާ ކުރަން އުޅެނީ މަގާމުގެ ބޭނުމުގައި ބަޔަކު އަޑީގައި ތިބެގެން ކަމަށާއި އެކަން ރައީސް ސޯލިހަށްވެސް ދަންނަވާފައިވާނެ ކަމަށެވެ.

މަހުލޫފު ވަނީ އޭނާގެ މައްޗަށް އޭސީސީން ކުރާ ތުހުމަތުތަކަށް އިންކާރުކޮށް ހިޔާނާތުގެ ފައިސާގައި ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

މަހުލޫފުގެ މައްސަލައަށް ގޮތެއް ނުނިމި ޕީޖީގައި އޮންނަތާ ގިނަދުވަސްތަކެއްވާތީ ރައީސް ސޯލިހުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި އެ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.