ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޒުވާން ޑިޕްލޮމެޓުންނާއި ސިވިލް ސާވެންޓުން ތަމްރީނުކުރުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފައްޓަވަން ނިންމަވައިިފިއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމަށެވެ.

އެހެންކަމުން އެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމަށްޓަކައި އދ.ގެ ބައެއް ގައުމުތަކުން ޒުވާން ޑިޕްލޮމެޓުންނާއި ސިވިލް ސާވެންޓުން ތަމްރީނުކުރުމަށް "ޕީޖީއޭ ޔޫތު ފެލޯޝިޕް ޕްރޮގްރާމު"ގެ ނަމުގައި ޕްރޮގްރާމެއް ފައްޓަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގެ ދަށުން އދ.ގެ މައި އޮފީސް ހުންނަ ނިއުޔޯކަށް ޒުވާނުން ގެންދިއުމަށް ފަހު ތަމްރީނުތައް ދެވިގެންދާނެއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވީ މިދިޔަ ޖޫން މަހުއެވެ.