ދިރާގުން "ސަޅި ޕްރީޕެއިޑް" ގެ ނަމުގައި މުޅިން އާ ޕްރިޕެއިޑް ޕްލޭންތަކެއް މިއަދު ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ އިއްޔެ ތައާރަފުކުރި މި ހާއްސަ ޕްރީޕެއިޑް ޕްލޭންތަކުން އެއް ފަހަރު އެކްޓިވޭޓްކޮށްލައިގެން އެއް ހަފުތާ، ދެ ހަފުތާ ނުވަތަ އެއް މަސް ދުވަހަށް ކޮންމެ ދުވަހަކު އެއް ޖީބީ ޑޭޓާ އާވެގެން ދާނެއެވެ. އަދި 145 ރުފިޔާއިން ފެށިގެން ސަޅި ޕްރީޕެއިޑްގެ ޕްލޭންތައް ފެށޭ އިރު، މީގެ ކޮންމެ ޕްލޭނަކުން ދުވާލަކު ލިބޭ އެއް ޖީބީ ޑޭޓާ އެލަވަންސްގެ އިތުރުން ހިލޭ ސޯޝަލް މީޑިއާ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް ލިބިގެންދާނެއެވެ. މިއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެންމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެވެ.

ސަޅި ޕްރީޕެއިޑް ތައާރަފުކުރުމާ ގުޅިގެން ދިރާގުން ވަނީ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފާއެއް ވެސް ތައާރަފުކޮށްފައިއެވެ. އެގޮތުން، ސަޅި ވީކްލީ އަދި ސަޅި ދެ ވީކްސް ޕްލޭނުން ކަސްޓަމަރުންނަށް އަންނަ މަހު 12 އާ ހަމައަށް އެއް ޖީބީގެ ބަދަލުގައި ދެ ޖީބީ ޑޭޓާ ކޮންމެ ދުވަހަކު ލިބިގެންދާނެއެވެ.

ދިރާގުގެ ސަޅި ޕްރީޕެއިޑް ތައާރަފު ކުރުމާ ގުޅިގެން ކުންފުނީގެ މެނޭޖަރު ކޮންސިއުމާ ޕްރީޕެއިޑް އައިޝަތު އިޝާނާ ވިދާޅުވީ، ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކުރުމަށް ކަމަށެވެ.

"އެގޮތުން ޑޭޓާ ބޭނުންކުރާ ވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ތައާރަފު ކުރި ޕްލޭންތަކުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު އެއް ޖީބީ ޑޭޓާ އެލަވަންސް ލިބި، ޑޭޓާއިން ގިނަ ކަންތައްތައް އެންމެ އެކްޓިވޭޝަނަކުން ފަސޭހަކަމާއެކު ކޮށްލެވޭނެ. ހަމަ މިއާއެކު، ދިރާގު ސަޅި ޕްރީޕެއިޑް އަކީ މުޅި މަހަށް ބަހާލަންޏާ އެންމެ ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާ ޕްރީޕެއިޑް ޕްލޭންތައް،" އިޝާނާ ވިދާޅުވިއެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް އެކްޓިވޭޓް ކުރެވޭނެއެވެ.