ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ނުބެލޭނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިގޮތަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ވިދާޅުވެ އަފީފު ވާހަކަ ދެއްކެވި ވާހަކައާ ގުޅިގެން އެ މައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އާޒިމް މިއަދު "ވަން" އަށް ވިދާޅުވީ ހަސަން އަފީފްގެ ޝަކުވާއެއް ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައަކީ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެ މައްސަލައަކީ ޕީޖީ ގުރޫޕުގެ އުސޫލުތަކާ ހިލާފުވެފައި އޮތް މައްސަލައަކާ ގުޅޭ ޝަކުވާއެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ބެލޭނެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް ހަސަންގެ އަރިހުގައި ވިދާޅުވެފައިވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"އެ މައްސަލަ ކޮން ހައިސިއްޔަތަކުންތޯ ބެލޭނީ. އެއީ އެމްޑީޕީގެ ޕީޖީއަށް ބެލޭނެ މައްސަލައެއް ނޫން. އެވާހަކަ ހަސަންގެ އަރިހުގައިވެސް ދަންނަވާފައިވާނީ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ޕީޖީ ގްރޫޕުން ބެލޭނީ ވިޕްލައިނާ ހިލާފުވެގެން ހުށަހެޅޭ މައްސަލަތައް ކަމަށާއި އެފަދަ ކަމެއް އަފީފް ކުރެއްވި ކަމަށް ޝަކުވާއިން އެނގޭކަށް ނެތް ކަމަށެވެ. އެހެންކަމުން މި މައްސަލައަކީ އިދާރީ ގޮތުން ބަލަންޖެހޭ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އާންމު ގޮތެއްގައި ޕީޖީ ގްރޫޕުން ބަލާނީ ވިޕްލައިނާ ހިލާފުވާ ފަދަ މައްސަލަތައް. މިއީ އިދާރީ މައްސަލައެއް. މި މައްސަލަ ނުބެލޭނެ ޕީޖީ ގްރޫޕަކަށް،" އާޒިމް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ފަރާތް ކަމަށާއި އެހެންކަމުން ޕާޓީ ބައިބައިވާ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެކަން ހައްލު ކުރަން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"ވިލުފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު ހަސަން އަފީފް ފަދަ ބޭފުޅަކު އެކަހަލަ ވާހަކައެއް ދެއްކެވީމަ އަޅުގަނޑު ޖެހޭނެ އޭގެ ހަގީގަތް ހޯދަން. އަޅުގަނޑު ޕާޓީގެ ޗެއާޕާސަނަށް ގުޅިން. އަޅުގަނޑު ދެންނެވިން އަޅުގަނޑާ ގުޅޭ ގޮތުން މިކަހަލަ ވާހަކަތަކެއް އެބަހުއްޓޭ ނޫސްތަކުގައި، މީގެ ހަގީގަތް ބައްލަވައިދެއްވާށޭ. މިވާހަކަ އަފީފް ވިދާޅުވިތޯ ބައްލަވާށޭ. ބައްލަވާފައި މިކަހަލަ ކަންކަން ވިޔަ ދީގެން ނުވާނެއޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި މައްސަލަ އުފެދޭ ކަންކަން ސީނިއާ ލެވެލްގެ ބޭފުޅުން ކޮށްގެން ނުވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެމްޑީޕީ އެކަތިގަނޑަކަށް ހެދުމުގެ މަސައްކަތް ކަމަށާއި އެގޮތުން ހަސަން އަފީފް އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމާވެސް ވާހަކަ ދެއްކަވާފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ މިހާރު އެމްޑީޕީގެ މެންބަރަކަށް ނުވަނީތޯއޭވެސް އާޒިމްގެ އަރިހުން އައްސަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު