ދިވެހިރާއްޖެއިން ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓާސް (އެމްއޭއޭސީ)ގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޕެރިސްގައި ހުންނަ އޯއީސީޑީގެ ހެޑްކުއާޓާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެގްރިމަންޓްގައި ސޮއިކުރައްވާފައިވަނީ ކިންގްޑަމް އޮފް ބެލްޖިއަމަށް އަދި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަސަން ސޯބިރު އެވެ.
އެމްއޭއޭސީގައި އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒު ކުރާނެ ގޮތްތައް ކަނޑައަޅައި، މައުލޫމާތު ބަދަލުކުރުމަށާއި ސިއްރު ހިފެހެއްޓުމުގެ ގޮތުން ވަކި ހަމަތަކަކާއި އުސޫލުތަކަކަށް ޓެކުހާ ގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވުމަށް ޓަކައި އިތުރު ދެ މުއާހަދާއެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުالله ޖަމީލު، މިއަދު ވަނީ ސޮއިކުރައްވާފަ އެވެ.
މި މުއާހަދާތަކަކީ މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮމޭޝަން "އެމްސީއޭއޭ - ސީއާރްއެސް" އަދި މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން ދަ އެކްސްޗޭންޖް އޮފް ކަންޓްރީ-ބައި-ކަންޓަރީ ރިޕޯޓްސް "އެމްސީއޭއޭ - ސީބީސީ" އެވެ.
ދިވެހިރާއްޖޭގައި ބައިނަލްއަގްވާމީ ޓެކްސް އިންފޮމޭޝަން ސްޓޭންޑަޑުތައް ގާއިމުކުރުމަށްޓަކައި ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރަންސީ އެންޑް އެކްސްޗޭންޖެ އޮފް އިންފޮމޭޝަން އޮން ޓެކްސް މެޓާސް (ގްލޯބަލް ފޯރަމް)ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ފެބުރުވަރީ 2016 ގައެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ 2016 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ ޓެކްސް އިންފޮމޭޝަން ސްޓޭންޑާޑުތައް ގާއިމުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ގްލޯބަލް ފޯރަމްގެ އެހީތެރިކަމާއެކީ ކުރަމުން އަންނަ ކަމަށެވެ. ގްލޯބަލް ފޯރަމްއަކީ އެ ފޯރަމްގެ ބައިވެރިންގެ މެދުގައި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން މައުލޫމާތު ބަދަލުކޮށް، ޓެކްސް ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ޓެކްސް ދެއްކުމުން އެއްކިބާ ވުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް މަސައްކަތް ކުރުމަށް އެކުލަވައިލައިފައިވާ ފޯރަމެއް ކަމަށްވެސް މީރާއިން ވަނީ ބުނެފަ އެވެ. މި ފޯރަމްގައި 160 އަށްވުރެ ގިނަ ގައުމާއި ފައިނޭންޝަލް ސެންޓަރުތަކުން ބައިވެރިވެފައިވެ އެވެ.
މީރާ އިން ބުނީ މި މުއާހަދާގައި ސޮއިކުރުމުން، މި މުއާހަދާގައި ބައިވެރިވާ އެހެން ގައުމުތަކާއެކު ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭ ގޮތަށް، ގާނޫނީ އިމުގެ ތެރެއިން މީރާއަށް މައުލޫމާތު ބަދަލުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، މުއާހަދާގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި ޓެކުހާ ގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް އެ އޮތޯރިޓިން ވަނީ ބުނެފަ އެވެ. މީގެތެރޭގައި އެކްސްޗޭންޖް އޮފް އިންފޮމޭޝަން އޮން ރިކުއެސްޓް (އީއޯއައިއާރް)، އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން (އޭއީއޯއައި) އަދި ސްޕޮންޓޭނިއަސް އެކްސްޖޭންޗް އޮފް އިންފޮމޭޝަން ހިމެނެ އެވެ. މީގެ އިތުރުން، ސާވިސް އޮފް ޑޮކިއުމަންޓްސްގައި އެހީތެރިވުމާއި ޓެކްސް އެގްޒަމިނޭޝަންތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. މި މަސައްކަތްތަކުގެ
ނަތީޖާއެއްގެ ގޮތުން، ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރުހަދާ އަދި ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަނެ ފިޔަވަޅުއެޅުމަށް އެހީތެރިކަން ލިބޭނެ ކަމަށްވެސް މީރާއިން ބުންޏެވެ.
އެމްއޭއޭސީއިން ބާރުދޭ އެއް ސްޓެންޑަޑް ކަމުގައިވާ ކޮމަން ރިޕޯޓިން ސްޓޭންޑަޑުގެ ދަށުން، މުއާހަދާގައި ބައިވެރިވާ ގައުމުތަކުގައި ދިވެހިރާއްޖޭގެ ޓެކްސް ރެޒިޑަންޓެއް ހުޅުވާފައިވާ ބޭންކް އެކައުންޓްތައް އަދި އެހެނިހެން ފައިނޭންޝަލް އެކައުންޓްތަކުގެ ތަފްސީލު މީރާއަށް ލިބޭނެ އެވެ. މީގެ ތެރޭގައި ފަރުދުންގެ އެންމެހައި އެކައުންޓްތަކުގެ ތަފުސީލާއި، ކުންފުނި އަދި އެފަދަ އެހެނިހެން އެންޓިޓީތަކުގެ އެކައުންޓްތަކުގެ ތެރެއިން 250،000 އެމެރިކާ ޑޮލަރުގެ ބެލެންސް ނުވަތަ އަގު ހުރި އެކައުންޓްތަކުގެ މައުލޫމާތު ހިމެނޭ ކަމަށްވެސް ބުންޏެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރި ވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަން ޖެހޭނީ އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީ ވެސް ހިމަނައިގެން އެ ފަރާތަށް ލިބޭ ޖުމްލަ އާމްދަނީން ކަމުން، މިފަދަ މައުލޫމާތު 143 އެހެން ގައުމަކުން ލިބުމަކީ ޓެކްސް ދެއްކުމުން އެއްކިބާ ވުމަށް މަސައްކަތް ކުރުން ހުއްޓުވުމަށާއި، އާމްދަނީ ލިބޭ މިންވަރަށްވުރެ ދަށުން ރިޕޯޓްކުރާ ފަރާތްތައް ދެނެގަތުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މީރާއިން ބުންޏެވެ.
މީގެ އިތުރުން، ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގގެ ދަށުން، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއުގެ ގޮތުގައި 750 މިލިއަން ޔޫރޯއަށްވުރެ އިތުރަށް ލިބިފައިވާ މަލްޓިނެޝަނަލް އެންޓަޕްރައިޒް ގްރޫޕްތަކުގެ ތެރެއިން ރާއްޖޭގައި ކޮންސްޓިޓުއަންޓް އެންޓިޓީތައް ގާއިމުކޮށްފައިވާ އެމްއެންއީ ގްރޫޕްތަކުގެ މާލީ މައުލޫމާތުވެސް އެއިދާރާއަށް ލިބޭނެ ކަމަށް ބުންޏެވެ.
ރާއްޖެއަށް ބޭރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދޭ ފަދައިން ރާއްޖެއިންވެސް މުއާހަދާގައި ބައިވެރިވެފައިވާ އެހެން ގައުމުތަކަށް މި މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށާއި ބޭރުގެ އިދާރާތަކާ ހިއްސާކުރާ ފައިނޭންޝަލް އެކައުންޓްގެ މައުލޫމާތުތައް މީރާއާއި ހިއްސާކުރާނީ ކޮމަން ރިޕޯޓިން ސްޓޭންޑަޑްގެ ދަށުން އެ އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތައް އެކަނި ކަމަށް މީރާއިން ވަނީ ބުނެފަ އެވެ. އަދިކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިން ގަވާއިދުގެ ދަށުން މީރާއަށް ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން ވެސް ސީބީސީ ރިޕޯޓިންއަށް ބޭނުންވާ މައުލޫމާތު ހުށަހަޅަން ޖެހޭނެއެވެ. ކޮމަން ރިޕޯޓިން ސްޓޭންޑަޑުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތައް ފުރަތަމަ ފަހަރަށް މައުލޫމާތު ހުށަހަޅަން ޖެހޭ ސުންގަޑިއަކީ އަންނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ކަމަށްވެސް އެ އޮތޯރިޓިން ވަނީ ބުނެފަ އެވެ. އަދި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގެ ދަށުން ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން، މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ނުވަތަ އޭގެ ފަހުން ފެށޭ ރިޕޯޓުކުރާ ފިސްކަލް އަހަރުތަކަށް ނިސްބަސްވާ ރިޕޯޓް ހުށަހަޅަން ޖެހޭނީ ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމިގެން 12 މަސްދުވަސް ހަމަވުމުގެ ކުރިން ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު