ކޮވިޑުގެ ސަބަބުން އެންމެންގެވެސް އާންމު ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނެވެ. ކޮވިޑަކީ އާދައިގެ ރޯގާއެއް ނޫންކަން ހާމަވެގެން ދިޔައީ މި ކުޑަ ކުޑަ ދިވެހި ރާއްޖެއިންވެސް 200އަށްވުރެ ގިނަ މީހުން މަރުވުމުންނެވެ. ބަލި ޖެހުނު އެތައް ބަޔަކު ވަނީ ސްޓްރޯކް ޖެހި ކުރީގެ ހާލަތަށް އެނބުރި ރުޖޫއަވާން ދަތިވެފަ އެވެ. މުޅި ދުނިޔެ ވަނީ ގުޅުން ކެނޑި ތަޅުއެޅުވިފަ އެވެ. މީހުން ތިބޭން ޖެހުނީ ގޭބަންދުގަ އާއި ރަށު ބަންދުގައެވެ. މިއަދާ ހަމަޔަށް ވެސް ދުނިޔޭގެ ގިނަ ގައުމުތައް އެ އޮތީ ބަންދުކޮށްފަ އެވެ.

ކުރިން ދަތުރުކުރި ފަދައިން ދަތުރު ނުކުރެވުމާއި ގޭބަންދުގައި ތިބޭން ޖެހުމާއި ވަކި ވަގުތުތަކެއްގައި ނޫނީ ބޭރަށް ނުނިކުމެވުން، މިއީ ދިވެހިން މިފަހުގެ ތާރީހެއްގައި ނުދެކޭ ފަދަ ހާލަތްތަކެވެ. ހީވެސް ނުކުރާ ފަދަ ހާލަތްތަކެވެ. ކޮންމެ އަހަރެއްގެ ޗުއްޓީއާ ދިމާކޮށް ރަށްރަށަށް ދަތުރުކުރުމާއި މާލޭގައި ދިރިއުޅޭ މީހުން އަމިއްލަ ރަށަށް ދިއުން ފަދަ ކަންކަން ފާއިތުވި ދޮޅު އަހަރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެގޮތުން މީގެ ކުރިން ރަށަށްދާ ފަހަރަކު ބަނދަރު މަތިން މަރުހަބާ ކިޔަން ތިބޭ އާއިލާގެ މީހުންގެ ބަދަލުގައި ފާއިތުވި ދޮޅުއަހަރު ރަށްރަށަށް ދަތުރުކުރި މީހުންނަށް މަރުހަބާ ކިޔަން ތިބެނީ އެރަށެއްގެ ކޮވިޑް ޓާސްކް ފޯހުގެ މީހުންނެވެ. ގެންގޮސް ގެޔަށް ވައްދައިދެނީ އެމީހުންނެވެ. ދެން ހަރުކުރަނީ ނޯޓިސް އެވެ. އެއީ ކަރަންޓީނު ނޯޓިސް އެވެ. އަނެއްކާވެސް އެ ޖެހީ 14 ދުވަހުގެ ބަންދެކެވެ. މިއީ މިދިޔަ ދުވަސްތަކުގައި ދިވެހީންނަށް އޮތް ހާލެވެ. އަދިވެސް ދުނިޔޭގެ އެތައް ގައުމެއްގައި ރައްޔިތުންނަށް އޮތް ގޮތެވެ.

މި 14 ދުވަހަކީ އެއްވެސް މީހަކު ރަށަށް ގޮސްފައި ބޭރަށް ނުނިކުމެ ގޭގައި އޮންނަން ބޭނުންވާނެ 14 ދުވަހެއް ނޫނެވެ. އެކަނިވެރިކަމާއި ފޫހިކަމުގެ އިންތިހާއެވެ. އެއީ އުނދަގޫ އިހުސާސް ތަކެކެވެ.

މި ފަހަރު މި ގެނެސްދެނީ ކަރަންޓީނު ސްޓޯރީ އެކެވެ. މިއީ ކަރަންޓީނުގެ ވެސް ތަފާތު ސްޓޯރީ އެކެވެ.

މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ގދ. ވާދޫ އަށް ނިސްބަތްވާ ޒުވާން އަންހެންކުއްޖަކު އޭނާގެ ކަރަންޓީނުގެ އިހުސާސްތައް މިވަނީ އަމިއްލަ ރަށު ބަހުން ކިޔައިދީފަ އެވެ. މިދިޔަ އަހަރު އޭނާ މާލެއިން އުފަން ރަށަށް ގޮސް ކަރަންޓީނުގެ 14 ދުވަހުގެ އިތުރުން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބެން އެ ނަގާ ތިން ހަތަރު ދުވަހުގެ އިހުސާސްތައްވެސް އޭނާ ވަނީ ވަރަށް ރަނގަޅަށް ފޮޓޯއިން ކިޔައިދީފަ އެވެ. ކޮންމެ ދުވަހަކަށް މެސެޖެކެވެ.

ފުރަތަމަ ދުވަހުން ފެށިގެން އޭނާ އަށް ކުރެވުނު އިހުސާސް މި ފޮޓޯތަކުން ވަރަށް ސާފުކޮށް އޭނާ ވަނީ ކިޔައިދީފަ އެވެ. ހަގީގަތަކީ މިއީ އެވެ. ހުރިހާ އެންމެންނަކީ މިފަދަ ގޮތަކަށް ކިޔައިދެވޭނެ ބައެއްވެސް ނޫނެވެ.

ކަރަންޓީނުގައި އެންމެ ދުވަހަކު ކެތް ކުރުމަކީ ވެސް ވަރަށް އުނދަގޫ އަދި ފޫހި ކަމެއްކަން އޭނާގެ މެސެޖު ތަކުން އެނގެ އެވެ. އަދި ކަރަންޓީނުގެ މުޅި މުއްދަތުގައި މީހަކު ހޭދަކުރާ ފޫހި ކަމާއި އެ ދުވަސްތަކުގެ އުނދަގޫ އިހުސާސްތައް މި މެސެޖުތަކުން ވަރަށް ރީއްޗަށް ބުނެދެއެވެ. އަށްވަނަ ދުވަހު އޭނާގެ ހިތަށް އެރީ ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ހަދާލާނަމަ ކިހައި ރަނގަޅުވީސް ކަމަށެވެ. ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް މަދު ކުރުމަށްފަހު އަލުން 14 ދުވަހުގެ މުއްދަތައް އިތުރު ކުރީ ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވުމުންނެވެ.

ކަރަންޓިނުގައި 10 ދުވަސް ހަމަވިއިރު އޭނާގެ ހިތަށް ކަރުތާ ފެނަށް އެރި މަރުވުންވެސް މިއަށްވުރެން ރަނގަޅު ކަމަށް އެރި ކަމަށް ބުނެފައިވެ އެވެ. ދުނިޔެއިން މޮޔަވެދާނެއޭ ވެސް ހިތަށް އެރި އެވެ. އެކަމަކު ހިތްދަތިވުން ނޫން ގޮތެއް ނެތުމުން އެއްވެސް އެއްޗެއް ނުބުނެ ކެތްކުރުން ނޫންގޮތެއް ނެތީއޭ ހިތަށް އެރިއެވެ. ކަރަންޓީނުގެ 13 ވަނަ ދުވަހެވެ. އޭނާ ހިތަށް އެރީ މުޅި ރަށުތެރޭގައި ދުވެލަން ދާން އެންމެ ދުވަހަކަށް ވީ ކަމަށެވެ. އެކަމަކު 14 ދުވަހުން ގޭބަންދުން ފިލީކީއެއްވެސް ނޫނެވެ.

ޓެސްޓުކޮށް އޭގެ ނަތީޖާ ލިބެންދެން އިތުރު ތިން ދުވަހު އަނެއްކާވެސް ގޭބަންދުވީ އެވެ. ރަށުގެ ދިރިއުޅުން މާލެއަށް ބަދަލުކުރެވުނު މޮޔަ އޭނާއަށް ހީވާން ފެށި އެވެ. ކަރަންޓީނުވާ ގޮތަށް އުސޫލު ހެދި މީހުންދެކެ އައި ރުޅިން ނިކުމެދާނަމޭ ވެސް ހިތަށް އަރާން ފެށިއެވެ. ގޭ ދޮރުމަތީގައި މަގުމައްޗަށް ބަލައިލުމުން އެ އުމުރުގެ ކުދިން މިނިވަންކަމާއެކު މުޅި ރަށުތެރޭގައި އުޅޭތީ ހިތަށް ކެތްވަނީކީއެއް ނޫނެވެ. މުޅި އުމުރު މި ކަރަންޓީނުގައި ހުންނަން ޖެހޭތީ ހިތާ ހިތާ ލައްކަ އެއްޗިއްސެއް މީހުންނާ ދިމާލަށް ގޮވިއްޖެ އެވެ. 17 ވަނަ ދުވަހެވެ. ނަތީޖާ ނުލިބި އެތައް ޝަކުވާއެއް ކޮށްިއެވެ. ޕޮޒިޓިވް ވެއްޖެއްޔާ އަނެއް 17 ދުވަސް މިގޮތުގައި ހޭދަކުރަން ޖެހޭތީ އެކަނި އިނދެ ރޯންވެސް ރޮވެ އެވެ. އެކަމަކު މިއަދު މިއީ ނަސީބު އަތުގަ ހިފި ދުވަހެވެ. ސިއްހި މަރުކަޒުން ގުޅާފައި ނަތީޖާ ނެގެޓިވް ކަމަށް ބުނެފި އެވެ. އަތުގައި އޮތް އެންމެ ރީތި ހެދުންލައިގެން މުލި ރަށުގަ ހިނގަން ދުއްވައިގަތީއެވެ.

މިއީ އެންމެ މީހެއްގެ ވާހަކައެވެ. އެކަމަކު ކަރަންޓީނުގައި ދުވަސްތައް ހޭދަކުރި ކިތަންމެ މީހެއްގެ ވާހަކައަކީ މިއީ ކަމަށް ވާނެ އެވެ. އަދި މިއަށްވުރެ އުނދަގޫ ވާހަކަތައް ވެސް ހުންނާނެ އެވެ. ހިތްދަތި އަދި ވޭންދެނިވި ވާހަކަތައް ކުރީން އިވިފައިވެސް އެބަ ހުއްޓެވެ. މައިބަފައިން ޕޮޒިޓިވް ވުމުން ދަރީންނަށް ޖެހުނު ހާލުވެސް ވަން އިން ގެނެސްދީފައި ވާނެ އެވެ.

ކަރަންޓީނާއި ނުލައި ރަށްރަށަށް ދަތުރުކުރެވޭނެ އުސޫލެއް މިހާރު އެޗްޕީއޭ އިން އާންމުކޮށްފައިވާއިރު މި އުސޫލުގައިވާ ގޮތުން ކަރަންޓީނު ވުމަކާ ނުލައި ރަށްރަށަށް ދެވޭނީ ވެކްސިން ފުރިހަމަކޮށްގެންނެވެ. އެހެންކަމުން މި ޒުވާނާ ފަދައިން މިފަދަ 17 ދުވަސް ހޭދަ ނުކުރުމަށް ކޮވިޑުން ދިފާއު ވުމަށް ވެކްސިން ޖެހުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

މިއަދު ކޮވިޑުގެ އަދަދުތައް ދަށްވެފައިވީ ނަމަވެސް މިއަދަދު އެއްކޮށް މަދުކުރުމަށް ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ. އެންމެން އެކައްޗެއް ކިޔައިގެން މި ބަލިން ސަލާމަތްވުމަށް ގުޅިގެން މަސައްކަތް ކުރަންޖެހެ އެވެ. އެއިރުން ކަރަންޓީނުގެ ވޭނުން އެންމެނަށް ވެސް ސަލާމަތް ވެވޭނެ އެވެ.