ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރި މައްސަލައިގެ ފުރަތަމަ މަރުހަލާ ބެލުމުގެ އިހްތިސޯސް ސުޕްރީމް ކޯޓަށް ނެތް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފި އެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އިއްވެވި އެ ހުކުމްގައި ބުނެފައިވަނީ، ނައިބް ރައީސަކީ ރައީސް ހަވާލުކުރައްވާ މަސްއޫލިއްޔަތު އަދާކުރައްވަން ހުންނަވާ ފަރާތެއް ކަމަށާއި އެހެން ކަމުން އެ މައްސަލަ ދުސްތޫރީ މައްސަލައަކަށް ވާނީ އެކަން ރައީސްގެ މަގާމުގައި ހުންނަވާ ފަރާތުން ކޯޓަށް ހުށަހެޅުމުން ކަމަށެވެ.
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން މިފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސޯސް އޮންނާނީ ސިވިލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
ޑރ. އަޒްމިރަލްދާ ނެރުއްވި ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަސް ފަނޑިޔާރުން ވެސް އިއްތިފާގުވެވަޑައިގެންނެވި އެވެ. އެއީ، ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.
އެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، ޖަމީލުގެ އަސާސީ ހައްގުތަކެއް ގެއްލުނު ކަމަށް ފެނިވަޑައިގަންނަވާ ނަމަ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފުރަތަމަ ނާއިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، ޑރ. ޖަމީލު މަގާމުން ވަކިކުރީ، 21 ޖުލައި 2015 ގައެވެ.
ރައްޔިތުންގެ މަޖިލީހުން އެކަން ކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ޑރ. ޖަމީލު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން 2019 ގައެވެ. މިއީ މިފަދަ މައްސަލައެއް ރާއްޖޭގެ ކޯޓަކުން ބަލާ ފުރަތަމަ ފަހަރެވެ.
ޑރ. ޖަމީލް ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 78 މެންބަރުންގެ ވޯޓާއެކުއެވެ. އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅީ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާކުރަމުން ނުގެންދާ ކަމަށާއި ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުން ނުހިފުމުގެ އިތުރުން، ސަރުކާރުގެ އިދިކޮޅު ފަރާތްތަކާ ގުޅުންތަކެއް ބާއްވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ދެކޮޅަށް ވާހަކަދައްކަވާފައި ނުވާތީއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ އޭރުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު