ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ހުކުމް، ކަރެކްޝަނަލް ސާވިސްއަށް މިއަދު ލިބިފައިވާ ކަމާއި އަމުރު ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ކޯޓަށް ހާޒިރުވުމަށް ފޮނުވި އަމުރު ލިބުނު ނަމަވެސް ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވެފައި ނުވާތީ، އިއްޔެ ބޭއްވި އެ ކޯޓުގެ އަޑުއެހުމުގައި ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންގެ އިންފޮމޭޝަން އޮފިސަރު އައިމިނަތު ޔުސްރީން 'ވަން' އަށް މިއަދު ވިދާޅުވީ، މީގެ ދޮޅުގަނޑިއެއްހާއިރު ކުރީން އެ ހުކުމް ވަނީ އެ އިދާރާއަށް ލިބިފައިވާ ކަމަށާއި އެއާ އެކު ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

"އާންމުކޮށް އޮންނަ އުސޫލަކީ ރިމާންޑްގައި ނެތް މީހަކު ވެއްޖެ ނަމަ ފުލުހުންނަށް އެދިގެން އެ މީހަކު ގެނެވޭނީ. އެހެންވީމަ އެ އުސޫލުން އަލީ ވަހީދު ގެނެސްދިނުމަށް ފުލުހުންނަށް އެދޭނަން،" ޔުސްރީން ވިދާޅުވި އެވެ.

ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުުގައި ހަތް ދައުވާއެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދު ވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް އަޑުއެހުމެއްގައި ބައިވެރިވެފަ އެވެ. ނަމަވެސް ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި ހުރެގެން އެ މައްސަލަ ކުރިއަށް ގެންދިއުމާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ.