ރާއްޖޭގެ ފުރަތަމަ ޑިވިޝަން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކޮށް ބްރޭންޑު ކުރުން އާންމުން ހުޅުވާލައި، އެއް ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 100،000 (އެއްލައްކަ ރުފިޔާ) ދޭން ރުފިޔާ ހަމަޖައްސައިފިއެވެ.

އެފްއޭއެމުން އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކޮށް، ބްރޭންޑިންއަށް ޝައުގުވެރިވާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފުމަށް އެދިފައެވެ. ލޯގޯ ފަރުމާކުރުމާއި ބްރޭންޑިންނަށް އާންމުކޮށް ހުޅުވާލި ފުރުސަތު ކުރިއަށްދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިއްޔެގެ އިއުލާނާއެކު އެފްއޭއެމުން ވަނީ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލެއް ކަނޑައަޅައިފައެވެ. އެ ގޮތުން އެއް ވަނަ އަށް ދާ ފަރާތަކާއެކު އެފްއޭއެމުން ހާއްސަ އެގްރީމެންޓެއް ހަަދައި ލޯގޯގެ ކޮޕީރައިޓްސް އެފްއޭއެމަށް ދޭ ގޮތަށް ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ލީގު، ދިވެހި ޕްރިމިއާ ލީގުގެ ނަަމަށް ރީބްރޭންޑް ކުރީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް ލޯގޯގެ ފަރުމާއަށް ބަދަލުތަކެއް އައިސްފައެއް ނުވެއެވެ.

މީގެ ކުރިން ގައުމީ ޓީމުގެ ޖާޒީ ފަރުމާ ކުރުމަށްވެސް އާންމުންނަށް ވަނީ ހުޅުވާލައިފައެވެ. އެފަހަރުވެސް ރާއްޖޭގެ ގިނަ ޑިޒައިނަރުންތަކެއްގެ ހުނަރުވެރިކަން ފެނިގެން ގޮސްފައިވެއެވެ.