ޕެނަލްޓީ ޖަހައިގެން ވިލަރެއާލް ބަލިކޮށް، ޗެލްސީން ފުރަތަމަ ފަހަރަށް ޔޫރަޕްގެ ސުޕަ ކަޕް ކާމިޔާބު ކޮށްފިއެވެ.
ރޭ އަޔަލެންޑްގެ ބެލްފާސްޓްގައި ކުޅުނު މެޗުގައި ޗެލްސީން ވިލަރެއާލް ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު، އަދި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ޗެލްސީ މޮޅުވީ 6-5 ގެ ސްކޯއަކުންނެވެ.
މެޗުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ޕެނަލްޓީއަށް ޗެލްސީން ގޯލްކީޕަރު ބަދަލުކުރި ބަދަލުކުރުމެވެ. މެޗުގެ އިތުރު ވަގުތު ނިމުމަށް މިނެޓަކަށް ވެފައި ވަނިކޮށް، ޗެލްސީގެ ކޯޗު ތޯމަސް ޓުކެލްވަނީ މެޗުގައި އެއްކޮށް ކުޅެމުން ދިޔަ އެޑުއާޑޯ މެންޑީގެ ބަދަލުގައި ސްޕެއިންގެ ކެޕާ އަރީޒާބަލާގާ ދަނޑު މައްޗަށް ނެރެފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ކެޕާ ވަނީ ދެ ބޯޅައެއް މަތަކޮށް ޗެލްސީ މޮޅު ކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި މޮޅަށް ކުޅެ ހަމަލާތައް އުފެއްދީ ޗެލްސީންނެވެ. ކުރީކޮޅުގައި ޓީމޯ ވާނާގެ ހަމަލާ އާއި އެންގޯލޯ ކަންޓޭގެ ހަމަލާވެސް ވިލަރެއާލްގެ ގޯލްކީޕަރު މަތަކޮށް ބޭރުކޮށްލިއިރު، ޗެލްސީއަށް ފުރަތަމަ ހާފްގައި ލީޑު ނަގައިދިނީ ހަކީމް ޒިޔެޗެވެ. އޭނާ މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް ކޮނޑަށް ލިބުނު އަނިޔާއެއްގައި ފުރަތަމަ ހާފްގައި ވަނީ ބަދަލުކުރަން ޖެހިފައިވެއެވެ.
ޗެލްސީން މެޗަށް ނުކުތީ ގައުމީ ޓީމުތަކާއެކު މުބާރާތްތައް ކުޅުނު މުހިއްމު ކުޅުންތެރިންނަށް ރެސްޓް ދީގެންނެވެ. ހާއްސަކޮށް އާންމުކޮށް ޗެލްސީގެ ފުރަތަމަ 11 އިން ފެންނަ ގިނަ ކުޅުންތެރިންތަކެއް ރޭގެ މެޗު ފެށީ ބެންޗުންނެވެ.
ފުރަތަމަ ކޮޅުގައި ޗެލްސީން ޑޮމިނޭޓް ކުރި ނަމަވެސް ވިލަރެއާލްއިން ދިޔައީ މެޗަށް ވަދެ ކުޅުން ރަނގަޅު ކުރަމުންނެވެ. ވިލަރެއާލްގެ ދެ ހަމަލާއެއް ޗެލްސީ ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައިވާއިރު، ޖެރާޑު މޮރޭނޯގެ ނުރައްކާތެރި ދެ ހަމަލާއެއް ގޯލްކީޕަރު މެންޑީ މަތަކުރިއެވެ. ވިލަރެއާލްގެ އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ޖެރާޑު މޮރޭނޯ ފާހަގަވެގެން ދިޔައިރު، 73 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީވެސް ޖެރާޑު މޮރޭނޯއެވެ.
ޔޫރަޕްގެ ދެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން މެދުގައި ކުޅެވޭ ސުޕަ ކަޕް ރޭ ކުޅުނީ 13،000 ސަޕޯޓަރުން ކުރިމަތީގައެވެ. އެއީ ކޮވިޑް 19ގެ ހާލަތު އައި ފަހުން އެގައުމުގެ ކުޅިވަރު އިވެންޓަކަށް އެންމެ ގިނަ ސަޕޯޓަރުން ވެއްދި އަދަދެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު