ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފިއެވެ.

ލ. ފޮނަދޫގައި ދިރިއުޅުއްވަމުން ގެންދަވާ މަސްއޫދު، މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ އިރާކޮޅު އަނބިކަބަލުންނާ އެކު ސައިކަލުގައި ދުއްވާފައި ދަނިކޮށް ފަހަތުން އައި މީހަކު ދަގަނޑު ބުރިއަކުން ހަމަލާދޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ މައްސަލަ އެ ރޭ 9:13 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާއިރު ތުހުމަތުކުރެވޭ މީހާ، ވަނީ އެ ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މައްސަލައިގައި އޭނާގެ ބަންދަށް ފޮނަދޫ ކޯޓުން ވަނީ މީގެ ކުރިން ހަތް ދުވަސް ޖަހައިފައެވެ. އެ މުއްދަތު މިއަދު ހަމަވުމާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކު ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދަގަނޑުބުރިން ޖަހަން އުޅުމުގެ ތެރޭގައި ސަލާމަތްވުމަށް ދިއްކޮށްލި އަތަށް ލިބުނު އަނިޔާތަކަށް މަސްއޫދު ވަނީ ފޮނަދޫ ސިއްހީ މަރުކަޒުން ފަރުވާ ވެސް ހޯއްދަވައިފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މަސްއޫދުގެ ކާރުގައި ވެސް ވަނީ ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައެވެ. އެކަމުގެ ތުހުުމަތު ވެސް މަސްއޫދު ކުރައްވަނީ އޭނާއަށް ހަމަލަދިން މީހާއަށެވެ. ނަމަވެސް ކާރުގައި ރޯކޮށްލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް އެ މައްސަލައާ ގުޅިގެން މީގެ ކުރިން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.