ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އަވަސްކުރައްވަން ޖެހޭ ކަމަށާއި އެކަން މާ ބޮޑަށް ލަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، މިނިސްޓަރު މަހުލޫފުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށާއި އެ މައްސަލަ އަވަސް ކުރަން ޖެހޭ ކަމަށެވެ.
"މި މައްސަލަ ލަސްވުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުގެ އެދުމަކީ ވިހާވެސް އަވަހަކަށް ޕީޖީ އޮފީހުން އެކަމުގައި ގޮތެއް ނިންމެވުން. މިހާރުވެސް ޕީޖީ އޮފީހުގައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަހުލޫފުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައިރު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް މަހުލޫފުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށާއި އޭގައި މައިގަނޑު ގޮތެއްގައި އެސްއޯއެފްގެ ބަޔާން ނެގިއިރު އުސޫލުތަކާ ހިލާފަށް ނަގާފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ.
"އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ އެސްއޯއެފްގެ އެކައުންޓެންޓް، އެއީ ސިލޯނުގެ ރައްޔިތެއް، އޭނަގެ ބަޔާން ސިލޯނުގައި ހުންނަ އަޅުގަނޑުމެންގެ ހައިކޮމިޝަނުން ނެގިއިރުގައި ނަގާފައިވަނީ ތަހުގީގަށް ބަޔާނެއް ނަގާ އުސޫލުތަކާ އެއްގޮތަކަށް ނޫނޭ. އަޅުގަނޑު މިހާރު މި އަންނަނީ ފޮރިން މިނިސްޓްރީއާ ގުޅިގެން އެކަން ބަަލަމުން،" ރައީސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައަށް ގޮތެއް ނިންމޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންމެ ފުރަތަމަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ. ހަފުތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އޭރު ޕީޖީ އޮފީހުން ބުނި ނަމަވެސް ބައެއް މައުލޫމާތުތައް އޭސީސީން ހޯދަން ޖެހޭތީ ހަފުތާއެއްގެ ތެރޭގައި ގޮތެއް ނުނިންމުނެވެ. ޕީޖީން ހޯދަން ބޭނުންވި މައުލޫމާތުތައް އޭސީސީން ފޮނުވާފައިވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ.
މަހުލޫފުގެ މައްސަލަ ޕީޖީއަށް ފޮނުވުމަށްފަހު އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33,000 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި އަހުމަދު މަހުލޫފު ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލު ފާސްކުރުމަށް ކަމާއި އެސްއޯއެފްގެ ޗެކަކުން އަހުމަދު މަހުލޫފުގެ އެކައުންޓަށް 33,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެން އޮތް އިރު، އެ ވޯޓަށްފަހު އަހުމަދު އަދީބު އަބްދުލްޣަފޫރާއި އަހުމަދު މަހުލޫފާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކު އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހުމަދު އަދީބު، އަހުމަދު މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެއެވެ،" އޭސީސީގެ ބަޔާނުގައިވެއެވެ.
އޭސީސީން އިތުރަށް ބުނީ، އެ ފައިސާއަކީ ޑޮލަރު ގަނެވިއްކުމަށް އެސްއޯއެފްއާ އެކު ކޮށްފައިވާ މުއާމަލާތެއް ކަމަށް ވިދާޅުވެ މަހުލޫފުގެ ފަރާތުން އޭސީސީއަށް 'ޕޭމަންޓް ރިސީވްޑް' ލިޔުމެއް ހުށަހެޅި ނަމަވެސް އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން ތަހުގީގަށް އެނގެން ނެތް ކަމަށެވެ.
މަހްލޫފްގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާތާނުގެ ފައިސާގައި އޭނާ ޖެހިފައި ނުވާނެ ކަމަށް ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުންނެވެ.
މި މައްސަލައާ މެދު ޕީޖީން ވަކިގޮތެއް ނިންމަންދެން ރައީސޫލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ ސަސްޕެންޑުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު