ސްކޫލުތަކުގެ ދަރިވަރުންނާއި އެ އުމުރުފުރާގެ ކުދީންނަށް ވެކްސިން ޖެހުމުގެ ބޮޑު މަޝްރޫއު އަންނަ ހަފުތާގައި ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިވަގުތު އެންމެ ބޮޑު އަމާޒަކީ ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ހޯދައި، ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ. ސަރުކާރުން ކުރި މަސައްކަތުން 12 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހޭ ވަރަށް މިހާރު ވެކްސިން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

"12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މިހާރު ވެކްސިން ޖެހުމަށް ޑަބްލިޔުއެޗްއޯއިން ހުއްދަ ލިބިފައި މިއޮތީ އެންމެ ވެކްސިނެއް. އެއީ ފައިޒާ. އިރާދަކުރެއްވީތީ މިއަދު އަޅުގަނޑުމެންނަށް މިވަނީ ފައިސާގެ ވެކްސިން ލިބިފަ. އަންނަ ހަފުތާ ފެށުމާ އެކީގައި ރާއްޖޭގެ ސްކޫލުތަކުގައި އުޅޭ 12 އަހަރާއި 17 އަހަރުގެ ދަރިވަރުންނަށް އަދި އެ އުމުރު ފުރައިގެ ހުރިހާ ކުދިންނަށް ވެކްސިން ޖެހުމުގެ ބޮޑު މަޝްރޫއެއް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ކޮންޓްރޯލް ކުރެވި، އާ އާންމު ހާލަތަކަށް ދަތުރުކުރުމުގެ ފުރުސަތު މިވަނީ ފެށިފައި ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދީ ހަރަކާތްތައް ފެށި، ކުދި ވިޔަފާރިތައް ހުޅުވާލައި، ވަޒީފާތައް އިޔާދަވާން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަންކަން ދެމެހެއްޓޭނީ ހުރިހާ ރައްޔިތުން އެކުގައި ގުޅިގެން މަސައްކަތް ކާމިޔާބުކޮށް، ރާއްޖެއަކީ 12 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިން ފުރިހަމަކޮށްފައިވާ އާބާދީއެއް ދިރިއުޅޭ ގައުމަކަށް ހެދިގެން ކަމަށެވެ. ރައީސް ވަނީ ހުރިހާ އެންމެން ވެކްސިން ޖަހައި ނިންމުމަށް އިލްތިމާސް ކުރައްވައިފައެވެ.

މިއަދާ ހަމައަށް އާބާދީގެ 80 ޕަސެންޓް ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށާއި ދެ ވަނަ ޑޯޒް 69 ޕަސެންޓް މީހުން ޖަހާފައިވާ ކަމަށެވެ. މާލޭގެ އަބާދީގެ ތެރެއިން 82 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާ ކަމަށާއި 70 ޕަސެންޓް މީހުން ދެ ޑޯޒް ޖަހާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމެރިކާއިން ވަނީ ރާއްޖެއަށް ފައިޒާ ވެކްސިންގެ 128،700 ޑޯޒް ވެކްސިން ހަދިޔާ ކޮށްފައެވެ. އެ ވެކްސިން ޑޯޒްތައް ރާއްޖެ ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.