ހދ. ހިރިމަރަދޫ ސްކޫލަށް އެހެން ޕްރިންސިޕަލަކު ފޮނުވަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދިރާސީއާ އަހަރުގެ ކިޔެވުން ރާއްޖޭގައި އިއްޔެ ފެށި ނަމަވެސް ހދ. ހިރިމަރަދޫ ސްކޫލްގެ ކިޔެވުން ފަށާފައެއް ނުވެއެވެ. އެއީ ބެލެނިވެރިން އެކެއްޗެއް ކިޔައި ދަރިވަރުން ސްކޫލަށް ނުފޮނުވުމުންނެވެ. ކަންބޮޑުވުންތަކެއް ހުރުމުންނެވެ. އެތައް އަހަރެއް ވީ ކަންބޮޑުވުންތައް މި އަހަރުގެ ދިރާސީއާ އަހަރު ފެށުނުއިރު ވެސް ހުރީ ހަމަ އެ ގޮތުގައި ކަމަށް އެ ބެލެނިވެރީން ބުނެއެވެ.

ސްކޫލަށް ކުދިން ނުފޮނުވާ ކަން އެނގުމާ އެކު އިއްޔެ ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގެ ވަފުދަކާއި އެކު ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވެސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. ބެލެނިވެރީންނާއި ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ގާތުން އަޑުއެއްސެވުމަށްފަހު ހަވީރު ވަނީ ރަށުން ފުރައިވަޑައިގެންފަ އެވެ.

މި މައްސަލައާ ގުޅިގެން "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މުޖާހިދު މިއަދު ވިދާޅުވީ ހިރިމަރަދޫ ސްކޫލުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ބައްލަވަމުން ގެންދަވާ ކަމަށެވެ. ވީ އެންމެ އަވަހަކަށް ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔެވުން ފެށިގެން ދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ހިރިމަރަދޫ އަށް ވަޑައިގެން، ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ ބައްދަލުކުރެއްވިކަން ފާހަގަ ކުރައްވައި މުޖާހިދު ވިދާޅުވީ ބެލެނިވެރީން ވިދާޅުވާ ގޮތުން ނަމަ އެއީ އަށެއްކަ އަހަރުވެފައިވާ މައްސަލަ އެކެވެ. މައްސަލައަކީ ދަރިވަރުންގެ ނަތީޖާ ދަށްވުން ކަމަށާއި އެކަމުގެ އިލްޒާމު ބެލެނިވެރީން އަޅުވަނީ ސްކޫލުގައި ކިޔަވައިދެމުން އަންނަ ބިދޭސީ ހަތަރު ޓީޗަރެއްގެ ބޮލުގައި ކަމަށެވެ. އެ ޓީޗަރުންނަކީ ވެސް ސްކޫލުގައި ކިޔަވައިދެމުން އަންނަތާ އެތައް އަހަރެއްވީ ޓީޗަރުން ކަމަށް މުޖާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ ބޭފުޅުންގެ މައްސަލަތައް ވަރަށް ތަފުސީލުކޮށް އަޑު އަހައިފިން. ވަގުތުން ވަގުތަށް ހައްލުކުރަން އުނދަގޫ ވާނެ ދެއްތޯ. އެކަމަކު އެޑިޔުކޭޝަނުން މި އަންނަނީ ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން. ޓީޗަރުންތަކެއް ވަގުތުން ކަނޑާލައި ފޮނުވައިލުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެކަން ފާހަގަކުރައްވައި މުޖާހިދު ވިދާޅުވީ މީގެ ކުރީން އެ ޓީޗަރުންގެ ޝަކުވާތަކެއް ވެސް މިނިސްޓްރީއަށް ލިބިފައި ނެތް ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ހައްލުކުރުމަށް ޓަކައި އަޅާން ޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

މުޖާހިދު ވިދާޅުވީ ޓީޗަރުންގެ ކަންކަން ގަވައިދުން ބަލައި މައްސަލައެއް އުޅޭ ނަމަ އެކަން ވެސް މިނިސްޓްރީގެ ސަމާލުކަމަށް ގެންނާނީ އެ ރަށެއްގެ ސްކޫލުން ކަމަށެވެ. އެހެން ނަމަވެސް މީގައި ހަގީގަތުގައި ވެސް އޮތީ ހަމަ އެކަނި ޓީޗަރުންގެ މައްސަލަތަކެއް ނަމަ، ހިރިމަރަދޫ ސްކޫލުގެ އެ ބުނާ ބިދޭސީ ޓީޗަރުންގެ ޝަކުވާ ތަކެއް، ނުވަތަ މައްސަލަތަކެއް އެތައް އަހަރެއް ވީ އިރު ވެސް މިނިސްޓްރީއާ ހަމައަށް ލިބިފައި ނެތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް މުޖާހިދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހިރިމަރަދޫ އަށް ފޮނުވަން ނިންމާފައި ވަނީ ތައުލީމީ މަރުކަޒެއްގެ ޕްރިންސިޕަލެއް ކަމަށާއި އެ ބޭފުޅާ ވަޑައިގެން މި މައްސަލައިގެ ރިޕޯޓެއް ހައްދަވާނެ ކަމަށެވެ.

"އެހާ ތަނަށް ވެސް އަޅުގަނޑުމެންގެ އާދޭހަކީ ދަރިވަރުން ސްކޫލަށް ފޮނުއްވައިދެއްވުން. މައްސަލަ ހައްލުކުރުމަށް ކުރާން ޖެހޭ ކަންކަން އަޅުގަނޑުމެން އެންމެ ތަންފުކެއްވެސް ލުއިކޮށްނުލައި ކުރާނަން. އެކަމަކު އެކަން ވާންދެންވެސް ދަރިވަރުން ތައުލީމުން މަހުރޫމް ވެފައި ތިބޭން ޖެހުމަކީ އެ ކުދީންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް. އެގޮތަށް އެކަން ބެލެނިވެރީންވެސް ނުކުރެއްވުން އަޅުގަނޑުމެން އެދެން." މުޖާހިދު ވިދާޅުވި އެވެ.