ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކަކާއެކު، ރާއްޖޭގެ އަތޮޅު ކައުންސިލްތަކާއި ހދ. ހިރިމަރަދޫ ކައުންސިލް އުވާލައްވައި، އައްޑޫ ސިޓީގެ އިދާރީ ހިންގުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަލުން ތަރުތީބުކުރައްވައިފިއެވެ.
ރައީސް މިއަދު ނެރުއްވި ގަރާރެއްގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލަން ނިންމެވީ، ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެ ބަދަލާއެކު، މިހާރު ތިބި އަތޮޅު ކައުންސިލަރުންގެ ދައުރު ހަމަވުމުން އެ ކައުންސިލްތައް އުވޭނެއެވެ. އޭގެ ފަހުން އަތޮޅުތަކުގެ އިދާރީ ކަންކަން ހިންގަމުންދާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބެލުމުގެ ދަށުން އުފައްދާ ހާއްސަ އަތޮޅު އޮފީސްތަކުންނެވެ.
މީގެ އިތުރުން ހިރިމަރަދޫއަކީ މިވަގުތަށް މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދުއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާތީއެވެ. އެ ނިންމުމާ ގުޅިގެން، މިދިޔަ މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައިވެސް ހިރިމަރަދޫ ރައްޔިތުން ވޯޓުލާފައިވަނީ ހަނިމާދޫ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމަށެވެ.
އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލަކީ، އެ ސިޓީގެ ހުޅުދޫ އަދި މީދޫ ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބިނާކޮށް ގެނައި ބަދަލެކެވެ. އެ ވޯޓުގައި އެ ދެ ރަށުގެ ރައްޔިތުން ވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ބޭނުންވާކަން ހާމަކޮށްފައެވެ.
ރައީސްގެ ގަރާރުގައިވާ ގޮތުން، "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަކީ ދެން ވަކި ރަށު ކައުންސިލްތަކެއް ހިނގާނެ ދެ އިދާރީ ރަށެވެ. އަދި އައްޑޫ ސިޓީގެ ގޮތުގައި ދެން ބަލާނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަހައްދަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު