ހދ. ހިރިމަރުދޫ ރައްޔިތުންނަށް އެ އަތޮޅު ހަނިމާދޫން ބިން ދޫކުރާތީ ހަނިމާދޫ ކައުންސިލްގެ ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހަނިމާދޫ ބިން ދޫކުރުމާ ގުޅޭގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތައް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުން މިކަމުގައި ޖިނާއީ ކަމެއް ނުހިމެނޭކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

"މިއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުންހުރި ކަމެެވެ. އެހެންކަމުން، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ.،" ފުލުހުން ބުންޏެވެ.

ހަނިމާދޫ ކައުންސިލްގެ މެންބަރު ފިރާގު މުހައްމަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމަށް ހަނިމާދޫން ބިން ދޫކުރުމަށް ސަރުކާރުން މަސައްކަތްކުރަނީ ކައުންސިލްގެ ހުއްދަ ހޯދުމަކާނުލައި ކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ ރުއްގަހާއި ބަންޑާރަ ރުއްގަހުގެ ބަދަލު ނުދޭއިރު އެކަން ކުރުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައްވެސް މިހާތަނަށް ފުރިހަމަކޮށްފައިނުވާތީ ގޯތި ދޫކުރުމުގެ މަސައްކަތް ހުއްޓާލަން އަންގާފައިވާނެ ކަމަށެވެ.

"އަދި ކޯޓު އަމުރެއްގެ ދަށުން ބަނޑާރަ ގެއަކަށް ބަދަލު ދީފައި އޮތް ތަނަކުން ފެށިގެން މި މަސައްކަތް ކުރާތީ މިކަން ވަނީ ހުއްޓާލަން އަނގައިފައެވެ. އަދި މިކަން ކުރަމުން ދަނީ ލޭންޑް ޔޫސް ޕްލޭނާ ވެސް ހިލާފަށެވެ. އަދި ރައްޔިތުންގެ ނިންމުމާ ވެސް ހިލާފަށެވެ.،" ފިރާގު ވިދާޅުވިއެވެ.

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ގޯތި ދޭތީ، މިފަހުން ހަނިމާދޫ ބަޔަކު ވަނީ އެކަމާ ދެކޮޅަށް އިހުތިޖާޖުވެސް ކޮށްފައެވެ.