އެކްސިޑެންޓެއް ކޮންމެ ވަގުތަކުވެސް ހިނގައިފާނެއެވެ. ނަމަވެސް މަގުމަތީގައި އެކްސިޑެންޓެއް ހިނގާނެ ކަމަށް ގިނަ މީހުންނަށް ވިސްނޭނީ ދުއްވާ އެއްޗެއްގައި ޖެހިގެން ކަމަށް ގިނަ ބަޔަކަށް އޮންނަނީ ހީވެފައެވެ.

އިންޑިއާގެ މި އޮޓޯ ޑުރައިވަރު އެކްސިޑެންޓުވާން މެދުވެރިވީ އޭނާގެ ބޮލަށް ވެއްޓުނު ސައްކޭލަކުން ޖެހިގެންނެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ކެރެއްލާ ސްޓޭޓުގައެވެ. ކޮޓަޔަމްގެ ކަޕިއްކަޑަށް ނިސްބަތްވާ 55 އަހަރުގެ އޮޓޯ ޑުރައިވަރު ސުދާރުޝަންގެ ބޯ މައްޗަށް ސައްކޭލެއް ވެއްޓި އެކްސިޑެންޓް ހިނގީ ގެއަށް ދިއުމަށް މިސްރާބު ޖަހާފައި ވަނިކޮށް، ކުރުންޕުތުރާއިން މަޑުރަވެލިއަށް ދުއްވަމުން ދަނިކޮށެވެ. ނަސީބަކުން އޭނާގެ އޮޓޯގައި އެވަގުތު ފަސިންޖަރަކު ނެތެވެ.

ސުދާރުޝަން އޮޓޯ ދުއްވަމުން ދަނިކޮށް މައިމަގުގެ އެއްކައިރީގައި ހުރި ބޮޑު ސައްކެޔޮ ގަހަކުން ލުހިގެން އައިސް ވެއްޓުނު ސައްކެޔޮ އޮޓޯގެ މަތީ ސަތަރިގަނޑު ފޫ އަޅުވާލައި ސުދާރުޝަންގެ ބޮލުގައި ޖެހުމާއެކު އޭނާވަނީ ވަގުތުން ހޭނެތިގެން ވެއްޓިފައެވެ.

އޭނާ ވެއްޓުމާއެކު މަގުމަތީގައި އެވަގުތު ތިބި މީހުން ވަނީ ވަގުތުން އޭނާ ނަގައިގަނެގެން ކޮޓަޔަމް މެޑިކަލް ކޮލެޖު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ޑޮކްޓަރުން އޭނާ ބެލުމަށްފަހު މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް ވަނީ ބުނެފައެވެ.

މިސަރަހައްދަކީ ސައްކެޔޮ ގަސްތައް ގިނަ ހިސާބެއްކަން ފާހަގަކުރެވެއެވެ. އަދި މިހިސާބުގަނޑުގައި އުޅޭ މީހުންގެ ގަޔަށް ސައްކެޔޮ ވެއްޓި ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން މީގެ ކުރިން ސްޓޭޓް އެސެމްބްލީގައި ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް މިފަދަ އިތުރު ހާދިސާއެއް ވަނީ ހިނގާފައެވެ. ކެރެލާގެ ކަންނޫރުގެ 43 އަހަރުގެ މީހަކު ސައްކެޔޮ ކަނޑަނިކޮށް ސައްކޭލެއް އޭނާގެ ބޯމައްޗަށް ވެއްޓި މައިބަދައަށް ގެއްލުންވެ އަތާއި ފައި ހަރަކާތްކުރުމަށް ވަނީ ނުކުޅެދިފައެވެ.