ކުޅުދުއްފުށި ސިޓީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ދެ މީހުން ބަންދުން ދޫކޮށްލައިފިއެވެ.

މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީ އާއި ސެޓްލައިޓް، މުހައްމަދު އާދަމްގެ މައްޗަށެވެ.

އެ ދެމީހުންނަށް ކުރަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން މިރޭ ބުނީ ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ދެ މީހުން މިއަދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ބަންދުން ދޫކޮށްލާފައިވަނީ މިއަދު ކުޅުދުއްފުށީ ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުންނެވެ.

މި މައްސަލައިގައި އިތުރު ހަތަރު މީހަކުވެސް ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެ ހަތަރު މީހުންގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ، އެ ހަތަރު މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހަަށް އަނބުރާ ފޮނުވާލައިފައެވެ.

ކުޅުދުއްފުށީގައި ރަހީނުކޮށް އަނިޔާކުރުމުގެ ސަބަބުން ޒަހަމްވީ، ކުޅުދުއްފުށީ، ރަތްފުސްގޭ، އަހުމަދު އިބްރާހިމަށެވެ. އޭނާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައިވެސް ފަރުވާދިނެވެ. އޭނާގެ ބޮލަށް ދަގަނޑުބުރިއަކުން ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އާއިލާއިން މީގެ ކުރިން "ވަން" އަށް މައުލޫމާތު ދީފައިވެއެވެ.