އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހަޅަން ދީފައިވާ މުއްދަތު މަހަކަށް އިތުރު ކޮށްފިއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހަޅަން ފުރުސަތު ހުޅުވައިލީ މިދިޔަ ޖޫން މަހުގެ 13 ގައެވެ. އަދި އެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާނެއެވެ.

އެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ ޖެނުއަރީ 1953 އިން ފެށިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދު، ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެވެ.

ޗީފް އޮމްބުޑްސްޕާސަން، އަބްދުއްސަލާމް އާރިފް މީގެ ކުރިން "ވަން" އަށް ވިދާޅުވީ، އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ބަލައިގަނެފައިވާ މައްސަލަތައް، ބަލައިގަނެފައިވާ ކަން އެ މައްސަލަތައް ހުށަހެޅި ފަރާތްތަކަށްވެސް އަންގަމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކާގުޅައި އެ އޮފީހުން މުއާމަލާތް ކުރަމުންދާ ކަމަށްވެސް ސަލާމް ވިދާޅުވިއެވެ.

"ހުށަހަޅާ މައްސަލަތައް ބަލައިގެންފައި އެ މައްސަލައަކީ ތަހުގީގުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ މި ބަލަނީ، އެގޮތުން ހުށަހެޅޭ މައްސަލަތައް އަމާޒުވާ ދައުލަތުގެ އެކި ފަރާތްތަކުގެ ބަސް ހޯދުމަށް ވެސް ދަނީ މަސައްކަތް ކުރަމުން،" ސަލާމް ވިދާޅުވިއެވެ.

އޮމްބުޑްސްޕާސަންގެ އޮފީހުން ބުނީ، މިހާތަނަށް އެ އޮފީހަށް ޖުމުލަ 84 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ސަލާމް ވިދާޅުވީ އޭގެ ތެރެއިން ކުރިއަށް ގެންދަން ޖެހޭ މައްސަލަތައް ކުރިއަށް ގެންދަން ފަށައިގަތުމުގެ ގާބިލުކަން އެ އޮފީހަށް ލިބިފައިވާ ކަމަށެވެ. އަދި މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދަން ޖެހޭނަމަ އެ ފުރުސަތު ގާނޫނުން ވެސް ލިބިދީފައިވާ ކަމަށާއި، އެހެންކަމުން އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެފަހަރަކު ބޭނުންވާ މުއައްސަސާއެއްގެ އެހީތެރިކަން އެ އޮފީހުގެ މަސައްކަތްތަކަށް ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމާބެހޭގޮތުން ދައުލަތުގެ މުއައްސަސާތަކާއެކު ވާހަކަ ދައްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަން ހޯދަން ބޭނުންނަމަ އެ ފުރުސަތުވެސް ގާނޫނުން ފަހިކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ބޭރުގެ އެކްސްޕާޓުން ހޯދުމާމެދު ޔޫއެންގެ އެޖެންސީތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ސަލާމް ވިދާޅުވިއެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަދަނީ 78 މައްސަލައަކާއި ޖިނާއީ ހަ މައްސަލައެއް ކަމަށެވެ.