ފްރާންސްގެ ކްލަބު، ޕީއެސްޖީން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ޓްރާންސްފާ ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

ކެޕްޝަނަކާ ނުލައި ޕީއެސްޖީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯ ކޮޅެއްގައި މެސީގެ މޫނު ފެންނަން ނެތް ނަމަވެސް އޭނާގެ އާޖެންޓީނާ ޖާޒީގެ އިތުރުން މެސީ ހޯދާފައިވާ ހަ ބެލޮންޑިއޯ ޓްރޮފީވެސް ފެނިގެން ދެއެވެ.

އެ ވީޑިއޯގައި ޔަގީން ކޮށްދީފައިވާ އެއް ކަމަކީ މެސީ ކުޅޭނީ އޭނާގެ ރަސްމީ 10 ނަންބަރު ޖާޒީގައި ނޫން ކަމެވެ.

ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީއަށް ދާން އެއްބަސްވެފައިވާ އިރު، ދެ އަހަރު ފަހުން ޕީއެސްޖީން ބޭނުންނަމަ ކޮންޓްރެކްޓް 2024 އާ ހަމައަށްވެސް އިތުރު ކުރޭވެ ގޮތަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޕީއެސްޖީން ނިންމާފައި ވަނީ މެސީއަށް އަހަރެއްގެ މައްޗަށް 35 މިލިއަން ޔޫރޯ ދިނުމަށެވެ. އޭގެ އިތުރުން ބޯނަސް ތަކާއި އެޑް އޮންސްތައް ދޭނެއެވެ.

މިވަގުތު މެސީ ހުރީ ޕެރިސްގައެވެ. އާއިލާއާއެކު އެއާޕޯޓުން ޕީއެސްޖީ ސްޕޯޓަރުންނާ އޭނާ އަތް ވިހުރާލި މަންޒަރުވެސް މީޑިއާތަކަށް އާންމުވެފައިވެއެވެ.

ގިނަ ދުވަސްތަކެއް ބާސެލޯނާގައި ހޭދަކުރުމަށްފަހު މިދިޔަ ހުކުރު ދުވަހު މެސީ ވަނީ ކްލަބު ދޫކޮށްލަން ނިންމިކަން އިއުލާނުކޮށްފައެވެ. ކްލަބު ދޫކޮށްލަން މެސީ ނިންމީ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އޭނާގެ އާ ކޮންޓްރެކްޓުގައި ސޮއި ނުކުރެވިގެންނެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. ބާސާއިން ރަސްމީކޮށް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި، ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށެވެ.

މެސީ ބާސާއާ ވަކިވެ ދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. މިހާރު އުމުރުން 34 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބު ކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މެސީއަކީ މިހާތަނަށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.