ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރި މައްސަލައިގެ ހުކުމް އަންނަ ބުރާސްފަތި ދުވަހު އިއްވަން ސުޕްރީމް ކޯޓުގައި ތައާވަލުކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފުރަތަމަ ނާއިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، ޑރ. ޖަމީލު މަގާމުން ވަކިކުރީ، 21 ޖުލައި 2015 ގައެވެ.
ރައްޔިތުންގެ މަޖިލީހުން އެކަން ކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ޑރ. ޖަމީލު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން 2019 ގައެވެ. މިއީ މިފަދަ މައްސަލައެއް ރާއްޖޭގެ ކޯޓަކުން ބަލާ ފުރަތަމަ ފަހަރެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ އެ މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން ނިންމާލީ މިދިޔަ ފެބްރުއަރީ މަހުއެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.
އެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށެވެ.
ޑރ. ޖަމީލް ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 78 މެންބަރުންގެ ވޯޓާއެކުއެވެ. އޭނާގެ މައްޗަށް އިތުބާރު ނުކުރެވޭ ކަމަށް ހުށަހެޅީ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާކުރަމުން ނުގެންދާ ކަމަށާއި ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުން ނުހިފައި، ސަރުކާރުގެ އިދިކޮޅު ފަރާތްތަކާ ގުޅުންތަކެއް ބާއްވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ދެކޮޅަށް ވާހަކަދައްކަވާފައި ނުވާތީއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ އޭރުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު