ތައުލީމުގެ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ.
މިއީ ރާއްޖޭގައި ތަންފީޒު ކުރެވޭ އެންމެ ފުރަތަމަ ތައުލީމުގެ ގާނޫނެވެ.
މި ގާނޫނަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކޮށް، ރާއްޖޭގެ ތައުލީމީ ނިޒާމު އޭގެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ރާއްޖޭގައި ތައުލީމު ދިނުމާ ގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
މި ގާނޫނަށް މިއަދު އަމަލުކުރަން ފެށުމާ ގުޅިގެން، މި ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާ މެދު ތައުލީމީ ދާއިރާގެ ފަރާތްތަކަށް މައުލޫމާތުދިނުމަށާއި މި ގާނޫނުގެ ހާޑްކޮޕީ ނެރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. މި ކޮޕީ ނެރެދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.
މި ހަފުލާގައި ރާއްޖޭގެ ސްކޫލުތަކުގެ އިސްވެރިން ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ތައުލީމުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރާއްޖޭގައި ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާހައުލެއް ގާއިމުކުރުމުގެ މަގުފަހިކުރުމާއި ދިވެހި އިސްލާމީ މުޖުތަމައަށް ފެތޭ ރައްޔިތުންގެ އިތުބާރު ލިބޭ ތައުލީމީ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.
މި ގާނޫނުގެ ދަށުން ކަނޑައެޅޭ ތައުލީމީ ސިޔާސަތުތަކުގެ ތެރެއިން ސްކޫލުތަކުގައި ރައްކާތެރި އަދި އަމާން މާހައުލެއް ގާއިމުކޮށްދީ، އަމާން މާހައުލެއްގައި ތައުލީމު ހާސިލުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު