ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއްވެސް ސިއްރު ޑީލެއް ނުހައްދަވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރައީސްކަންވެސް ކުރައްވާ އަދުރޭ މިހެން ވިދާޅުވީ، ނަޝީދާއި ޔާމީން ސިއްރު ޑީލްތަކެއް ހައްދަވާފައިވާ ކަމަށް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އަދި ޑީއެންއޭގެ ނަމުގައި ހަރަކާތެއް އުދައްދަވައިގެން އުޅުއްވާ އުމަރު ނަސީރު ތުހުމަތު ކުރެއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި އުމަރު ރޭ ވިދާޅުވީ، ރައީސް ޔާމީން ބޭނުންފުޅުވަނީ ޖަލުން މިނިވަންވެވަޑައިގަތުމަށް ކަމަށާއި އެކަމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ރައީސް ނަޝީދު ކޮށްދެއްވުން ކަމަށެވެ. ބަދަލެއްގެ ގޮތުން ރައީސް ޔާމީންގެ ކިބައިންވެސް ނަޝީދު ކޮންމެވެސް ކަމެއް ހުށަހަޅުއްވާފައި އޮންނަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީނަކީ އެއްވެސް ބޭފުޅަކާ އެކު ސިއްރު ޑީލެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
"ރައީސް ޔާމީނަކީ އެއްވެސް ބޭފުޅަކާއެކު ސިއްރު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން، އަމުދުން ރައީސް ނަޝީދާއި ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއް ގޮތެއްގައި ސާބިތުވެ ހުންނެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށާއި އެކަން ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.
ރައީސް ނަޝީދާއެކު ރައީސް ޔާމީން ޑީލް ނުހައްދަވާނެ ކަމަށް އަދުރޭ ވިދާޅުވެފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިިދިކޮޅު ކޯލިޝަނާއެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ވަނީ ފާޅުކުރައްވައިފައެވެ. ނަމަވެސް އިދިކޮޅުން ވަނީ އެކަމަށް ދެކޮޅު ހަދައި ނަޝީދާއެކު ސިޔާސީ މަސައްކަތް ނުކުރާނެ ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު