ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް އެމްޑަބްލިއުއެސްސީން ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، އެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އެ ރަށަށް ގެންގޮސްފައި ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 12.07 ކިލޯ މީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯކް ގާއިކުރުމާއި، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި އޭގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.30 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި، 1.48 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިން ސްޓޭޝަނާއި އަދި ސީ އައުޓް ފޯލްއެއް ގާއިމުކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަގަކީ ޖުމުލަ 86,048,775.51 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.