''ބިގްބޮސް އޯޓީޓީ'' ޕްރިމިއާކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް ސަލްމާން ހާން ހުށަހަޅައިދޭ ބިގްބޮސް އަކީ ކަލާސް ޗެނަލުން ދައްކާ، ބެލުންތެރީންގެ މެދުގައި މަގުބޫލު ޝޯއެކެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ބިގްބޮސް ފެށުމުގެ ކުރިން ޑިޖިޓަލް ޕްލެޓްފޯމުގައި ވަނީ ކަރަން ޖޯހަރު ހުށަހަޅައިދޭ ''ބިގްބޮސް އޯޓީޓީ'' ގެނެސްދިނުމަށް ހަމަޖެހިފައެވެ.

މިއަހަރު އަލަށް ކަރަން ޖޯހަރު ހުށަހަޅައިދޭ ބިގްބޮސް ފުރަތަމަ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ 6 ހަފުތާ ވަންދެން ހަމައެކަނި ވޫޓް އެޕްގައެވެ. އެއަށްފަހު އެހެނިހެން އަހަރުތަކެކޭވެސް އެއްގޮތަށް ސަލްމާން ހާން އާއިއެކު ބިގްބޮސް 15، ކަލާސް ޓީވީގައި ޕްރިމިއާކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބިގްބޮސް އޯޓީޓީ އާދިއްތަ ދުވަހުގެ ރޭ ވަނީ ޕްރިމިއާކޮށް ބިގްބޮސް ގެއަށް 13 މެހެމާނުން ވައްދައިފައެވެ. މިއަހަރުގެ ބައިވެރިންގެ ތެރޭގައި ނޭހާ ބާސިން، ނިޝާންތު ބަޓް، ކަރަން ނާތު، ޒީޝާން ހާން، މިލިންދު ގަބާ، ޕްރަތީކް ސެހެޖްޕާލް، ރާކޭޝް ބަޕާޓް، ރިދިމާ ޕަންޑިތު، އުރްފީ ޖާވިދު، ދިވްޔާ އަގަރްވާލް، އަކްޝޭ ސިންގު، މުސްކާން ޖަތަނާ، އަދި ޝަމިތާ ޝެޓީ ހިމެނެއެވެ.

ބިގްބޮސް މެހެމާނުންގެ ތެރޭގައި ބެލުންތެރިންގެ ސަމާލުކަން އެންމެބޮޑަށް ހުއްޓިފައިވަނީ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީއަށެވެ.