ކުށުގެ ރެކޯޑު ދޫކުުރުމުގައި ބަލާ މުއްދަތު ފަސް އަހަރުން ތިން އަހަރަށް ކުޑަކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ގެޒެޓްކޮށްފައިވާ "ޕޮލިސް ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އާންމުކޮށްފައިވަނީ ކުރިން އަމަލު ކުރަމުން އައި ގަވާއިދު ވަރަށް ތަފުސީލުކޮށްފައެވެ.

ގަވާއިދުގައި ވަނީ ރެކޯޑު ހޯދުމަށް އެދޭ ފަރާތުގެ ރެކޯޑު ބެލުމުގެ މުއްދަތަކީ، ރެކޯޑު ހޯދުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތު ކަމަށެވެ. ނަމަވެސް އެ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ރެކޯޑު ބަލައިދިނުމަށް ނުވަތަ ހޯދުމަށް އެދިފައިވާނަމަ، އެ މުއްދަތަކަށް ރެކޯޑު ބަލައިދިނުމަށް ހުރަހެއް ނެތް ކަމަށްވެސް ގަވާއިދުގައިވެއެވެ.

ގަވާއިދުގައިވާ ގޮތުން ކުށުގެ ރެކޯޑެއް އޮތް ކަމަށް ބަލާނީ ފުލުހުންނަށް ހުށަހެޅިފައިވާ ޖިނާއީ ކުށުގެ މައްސަލައެއްގައި ތުހުމަތު ކުރެވި، ތަހުގީގު ހިނގާނަމައެވެ. އަދި ފުލުހުން ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައިވާ މައްސަލައެއްގައި ތުހުމަތު ކުރެވޭނަމަވެސް ރެކޯޑެއް އޮތް ކަމަށް ބެލެވޭނެ ކަމަށް ބުނެފައިވެއެވެ.

ވަޒީފާގެ ބޭނުމަށް މީހެއްގެ ރޭކޯޑު އޮތްކަމުގައި ބަލާނީ އެ މީހަކާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވިގެން ތަހުގީގު ހިނގަމުން ދިއުން ނުވަތަ އެ ބާވަތުގެ މައްސަލައެއް ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައިވާ ނަމައެވެ.

ނަމަވެސް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ މީހެއްގެ މައްޗަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު ނުވަތަ އެއް ކުށަށްވުރެ ގިނަ ކުށުގެ ތުހުމަތު ކުރެވިފައިވާނަމަ، ވަޒީފާގެ ބޭނުމަށް އެ މީހެއްގެ ރެކޯޑު ދޫކުރާއިރު ހުރިހާ ޖިނާއީ ކުށެއްގެ ތަފްސީލު ވެސް ރެކޯޑުގައި ހިމަނަންޖެހެއެވެ.

ތުހުމަތު ކުރެވުނު ފަރާތެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމައިފައިވާ މައްސަލަތަކާއި ފައިލްކޮށްފައިވާ މައްސަލަތަކުގެ މައުލޫމާތުގެ ރެކޯޑު ވެސް ދޫކުރުމަށް ފުލުހުންނަށް ނިންމިދާނެ ކަމަށް ވެސް ގަވާއިދުގައިވެއެވެ.

ހޯދަން އެދޭ ރެކޯޑަކީ ފުލުހުންގެ ހިނގަމުންދާ ތަހުގީގަކަށް ހުރަސްއެޅިދާނެ ފަދަ ނުވަތަ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ރެކޯޑެއް ނަމަ އެ މައުލޫމާތު ނުދީ ވަކި މުއްދަތަކަށް ހިފެހެއްޓިދާނެއެވެ. ރެކޯޑު ދިނުން ފަސް ކުރެވޭނެ މުއްދަތު ކަނޑައަޅާނީ ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ މުވައްޒަފެއް ކަމަށްވެސް ގަވާއިދުގައިވެއެވެ.

ޕޮލިސް ރެކޯޑުތައް ޑިޖިޓަލައިޒްކޮށް ބެލެހެއްޓޭނެ ނިޒާމެއް ފުލުހުން ގާއިމު ކުރަންވާނެއެވެ. އެއީ މަރުކަޒީކޮށް އަދި ލާމަރުކަޒީކޮށް ވެސް އެ ނިޒާމުގައިވާ މައުލޫމާތުތަކަށް އެކްސެސްވެވޭނެ ގޮތެއް ހެދުމަށެވެ.