ތިލަފުއްޓަށް 130 ހެކްތަރުގެ ބިން އިތުރުކޮށް އެ ތަނަށް، ފުނަދޫގައި ހުރި ތެޔޮ ސްޓޯރޭޖް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ތިލަފުއްޓަށް އިތުރު ކުރާ ބިމާއެކު އެތަނުގެ މާސްޓާ ޕްލޭން ނިންމުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ތިލަފުއްޓަށް އިތުރު ކުރެވޭ ބިމުގައި އިންޑަސްޓްރިއަލް އޭރިއާއެއް ހިމެނޭނެ ކަމަށާއި މެނުފެކްޗަރިން ކަންތަކަށް ބޮޑެތި ބިން ދޫކުރާ ގޮތަށް މާސްޓާ ޕްލޭންގައި ހިމެނިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ނެޗުރަލް ގޭސް ބޭނުންކޮށްގެން ސަރުކާރުން ޕަވާ ޖަނަރޭޓްކުރާނެ ވަސީލަތް ގާއިމުކުރާނެ ތަނަކާއި، ހިލަ އާއި ހިލަވެލި ބައިލާނެ ތަނެއް މާސްޓާ ޕްލޭންގައި ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ސުހެއިލް ވިދާޅުވީ، ތިލަފުށިގައި މިހާރު ހިމެނެނީ 110 ހެކްޓަރު ކަމަށާއި އަލަށް އިތުރުކުރަން ހަމަޖެހިފައިވާ 130 ހެކްޓަރުގެ ބިން ހިއްކުމާ ބެހޭގޮތުން އެމްޓީސީސީއާ ވާހަކަދައްކާފައިވާ ކަމަށެވެ.
"އެމްޓީސީއާ މަޝްވަރާކުރަމުން މި އަންނަނީ ފުރަތަމަ 30 ހެކްޓަރު، ހަ މަސްދުވަހުގެ ތެރޭގައި ހިއްކައިދޭން ބުނެފައިވަނީ. އެއީ އިންޑަސްޓްރިއަލް ސަރަހައްދުން. ދެން އިންނަ ބައި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ހިއްކާގޮތަށް،" ސުހެއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ތިލަފުށީގެ ބިން ހިއްކުމަށްޓަކައި މިހާރު އީއައިއޭގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެތަން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނީ އިމްޕެކްޓް އެސެސްމަންޓް (އައިއޭ)ގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު