(06 އޯގަސްޓުގެ އަދަދާ ގުޅޭ)

ގެދޮރު ސާފުތާހިރުކުރުމާ ބެހޭގޮތުން އެއްފަހަރަކު އިރުޝާދު ދެއްވިއެވެ. "ތިޔަބޭކަލުންގެ ގެކޮޅުތައް ސާފުތާހިރު ކުރައްވާށެވެ. ޔަހޫދީން ފަދައިން ވެވަޑައިނުގަންނަވާށެވެ." (ބުޚާރީ) ހަށިގަނޑުގެ ސާފުތާހިރުކަމަކީ ދުޅަހެއިކަމުގެ ޖާމިނެކެވެ. ގަރަންޓީއެކެވެ. އެކަން ވިސްނައިދެއްވުމަށްޓަކައި ޙަދީޘު ކުރެއްވިއެވެ. "ތިޔަބޭކަލުންގެ ހަށިކޮޅުތަކަށްވެސް ތިޔަބޭކަލުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޙައްޤުތަކެއް ވެއެވެ." (މުސްލިމު) ބޭސްވެރިކަން ދަސްކުރުމަށް ބާރުއަޅުއްވައި ޙަދީޘު ކުރެއްވިއެވެ. "އަރަހުށި މާތް اللّـه އެބައްޔަކަށް ފަރުވާކުރެވުމުގެ އެކަށޭނަކަންނުވާ އެއްވެސް ބައްޔެއް ނުހައްދަވައެވެ. ޝައްކެތްނެތެވެ. އެއްބަޔަކު ބޭސްވެރިކަން އުނގެނެއެވެ. އަނެއްބަޔަކު އެކަމެއް ނުކުރެއެވެ." (އިބްނު މާޖާ، ނަސާއީ)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ވަރަށްގިނަފަހަރު ޢާއްމު ބަޔާންތައް ދެއްވަނީ ޚުޠުބާ ދެއްވާގޮތަށެވެ. ނުހަނު ޖޯޝާއެކުގައެވެ. އެހައިމެ އަސަރުގަދަކޮށެވެ. ޚާއްޞަކޮށް ޖަމާއީ ގޮތެއްގައި ތަޢުލީމާއި ތަރުބިޔަތު ދެއްވުމުގައި ބޭނުންފުޅު ކުރައްވަނީ އެގޮތްކޮޅެވެ. އިތުރު ސާހިބާ ޚުޠުބާއެއް ވިދާޅުވާނަމަ މަޖްލިސަށް ހަމަހިމޭންކަން ވެރިވެއެވެ. މިތާނގައި އަޅުގަނޑު ބަލައިލާނީ މިދެންނެވިފަދަ ޢާއްމު އެންމެ ޚުޠުބާއެއްގެ މައްޗަށެވެ. އެ ޚުޠުބާއަކީ ޙުނައިނު ހަނގުރާމައިގެ ޣަނީމާ ބެއްސެވިގޮތާމެދު އަންޞާރުންގެ ޒުވާން ބައެއް ބޭކަލުންގެ ޝުޢޫރުތައް ހުރިގޮތުގެ ޚަބަރު ލިބިވަޑައިގެންނެވުމުން ދެއްވި ޚުޠުބާއެވެ. އާދެ، އެ ޚަބަރު ލިބިވަޑައިގެންނެވުމުން އަންޞާރުން އެއްތަނަކަށް އެއްކުރެއްވިއެވެ. އެބޭކަލުންނާ މުޚާޠަބު ކުރައްވައި ދެއްވި ޚުޠުބާއަކީ ވަރަށް އަސަރުގަދަ ޚުޠުބާއެކެވެ. ބަލާޣަތުގައި މިސާލެއް ނުވާފަދަ ޚުޠުބާއެކެވެ. ނުހަނު ޖޯޝީ ޚުޠުބާއެކެވެ. އެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"އޭ އަންޞާރިއްޔަ ބޭކަލުންނޭވެ! ތިޔަބޭކަލުންގެ ފަރާތްޕުޅުން އަހުރެންނަށް ލިބިފައި މިވަނީ ކޮންފަދަ ވާހަކައެއްގެ ޚަބަރެއްތޯއެވެ؟ އަހުރެންގެ ކުރީން ތިޔަބޭކަލުން ތިއްބެވީ މަގުފުރެދުމުގެ ތެރެޔަކު ނޫންތޯއެވެ؟ މާތް اللّـه އަހުރެންގެ ޒަރީޢާއިން ތިޔަބޭކަލުންނަށް ހިދާޔަތު ދެއްވިއެވެ. ތިޔަބޭކަލުން ތިއްބެވީ ބައިބައިވެވަޑައިގެންފައެވެ. ވިއްސިވިހާލިވެ ވަޑައިގެންފައެވެ. މާތް اللّـه އަހުރެންގެ ޒަރީޢާއިން ތިޔަބޭކަލުން އެކުވެރި ކުރެއްވިއެވެ. ތިޔަބޭކަލުން ތިއްބެވީ ފަގީރުފުޅު ކަމުގައެވެ. މާތް اللّـه އަހުރެންގެ ސަބަބުން ތިޔަބޭކަލުން މުއްސަނދި ކުރެއްވިއެވެ."

ކައުސާހިބާގެ ކޮންމެ ބަސްފުޅަކާ ވިދިގެން އަންޞާރުން ވިދާޅުވަމުން ގެންދެވިއެވެ. އަޅުގަނޑުމެންގެ މައްޗަށް އެންމެ ބޮޑުވެގެންވަނީ މާތް اللّـه އާއި އެކަލާނގެ ރަސޫލާގެ އިޙުސާނުވަންތަކަމެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ވާހަކަފުޅު ކުރިޔަށް ގެންދެވިއެވެ. ވިދާޅުވިއެވެ. "އޭ އަންޞާރިއްޔަ ބޭކަލުންނޭވެ! ތިޔަބޭކަލުންނަށް ވިދާޅުވެވެން އެބައޮތެވެ. މީސްތަކުން ކަލޭގެފާނު ދޮގުކުރިއެވެ. އަޅުގަނޑުމެން ކަލޭގެފާނު ތެދުކުރީމުއެވެ. މީސްތަކުން ކަލޭގެފާނު ދޫކޮށްލިއެވެ. އަޅުގަނޑުމެން ކަލޭގެފާނަށް އަޅުގަނޑުމެންގެ ތެރެއިން ޙިމާޔަތް އެރުވީމުއެވެ. ކަލޭގެފާނު ވަޑައިގެންނެވީ ހުސްއަތްޕުޅާއެވެ. އަޅުގަނޑުމެން ހުރިހައި ގޮތަކުން ކަލޭގެފާނަށް މަދަދު ކުރީމުއެވެ." ތިޔަބޭކަލުން މިގޮތަށް ޖަވާބު ދެއްވަމުން ގެންދަވާށެވެ. އަހުރެން ދަންނަވަމުން ގެންދާނަމެވެ. "ތިޔައީ ތެދުފުޅެކެވެ! ތިޔައީ ތެދުފުޅެކެވެ!" (ޑޮކްޓަރ ޝަރަފުއްދީން ސާހިލު)

އެކަމަކު އޭ އަންޞާރިއްޔަ ބޭކަލުންނޭވެ! ތިޔަބޭކަލުންނަކީ ނުގުޑާފަދަ ވަރުގަދަ އީމާންކަމެއްގައި ތިއްބެވި ބޭކަލުންނެވެ. މައްކާގެ މީހުންނަކީ ދާދި މިދާކަށްދުވަހު އިސްލާމްވި ބައެކެވެ. ވަރަށްބޮޑު މުސީބަތެއްގައި ތިބި ބައެކެވެ. އަހުރެން ގަސްދުކުރީ އެބައިމީހުންގެ މުސީބަތް ލުއިކޮށްދިނުމަށެވެ. މިމާތް ދީނުގެ ހުރި މޮޅުކަން އެބައިމީހުންނަށް ވިސްނައިދިނުމަށެވެ.

"އޭ އަންޞާރިއްޔަ ބޭކަލުންނޭވެ! މީސްތަކުން ބަކަރިތަކާއި ޖަމަލުތަކާއިގެން ރަށަށްދާއިރު ތިޔަބޭކަލުން މާތް اللّـه ގެ ރަސޫލާ محمّد (صلّــى اللّـه عليـه وسلّـم) ގޮވައިގެން ރަށަށް ވަޑައިގަންނަވަން ރުހިވަޑައިނުގަންނަވަނީތޯއެވެ." (صـلاح الـدّيــن)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ވާހަކަފުޅު މިހިސާބަށް ގެންދަވާއިރަށް އަންޞާރިއްޔަ ބޭކަލުން ކީރިތިކުރައްވައިފައި ގޮވައިލައްވާން ފައްޓަވައިފިއެވެ. "ރުހެމުއެވެ! އޭ މާތް اللّـه ގެ ރަސޫލާއެވެ! އަޅުގަނޑުމެން ރުހެމުއެވެ! އަޅުގަނޑުމެން ބޭނުމީ ހަމައެކަނި މާތް اللّـه ގެ ރަސޫލާއެވެ!" އޭރު ބައެއް ބޭކަލުންނަށް ކީރިތި ކުރެއްވޭލެއް ބޮޑުކަމުން ތުނބުޅިފުޅާއެކު ވަނީ ކަރުނަފޮދުން ފޯވެފައެވެ. ކައުސާހިބާ އެކަލޭގެފާނުގެ ވާހަކަފުޅު އިތުރެއް ނުކުރައްވައެވެ.

ތަޢުލީމާއި ތަރުބިޔަތު ދިނުމުގައި މުޢައްލިމުގެ ޝަޚުޞިއްޔަތާއި އޭނާގެ ސީރަތަކީ ވަރަށް މުހިންމު އަސާސީ ދައުރެއް އަދާކުރާ ކަންކަމެވެ. ތަޢުލީމުގެ މާހިރުން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި ޢިލްމު އުނގެނޭ މީހުންގެ ހިތްތަކަށް ގަސްދަކާ ނުލައި މުޢައްލިމުގެ ޝަޚުޞިއްޔަތުގެ އަސަރު ވަރަށްބޮޑަށް ފޯރަމުންދެއެވެ. އުނގެނޭ މީހުންގެ ހިތްތަކާއި ސިކުނޑިތަކުގައި ދާއިމަށް އެއަސަރު ފިލައިނުގޮސް ދެމިހުރެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ސީރަތާއި ޝަޚުޞިއްޔަތު ވަނީ ފުރިހަމަކަމުގެ ނިހާޔަތުގައެވެ. އެމާތް ސާހިބާއަކީ އަޚުލާޤީ ހުރިހައި ފުރިހަމަ ކަމަކާއި ހުރިހާ ރަނގަޅު ސިފަފުޅުތަކެއްގެ މަޖުމޫޢާއެކެވެ. އެކަލޭގެފާނުގެ ޝަޚުޞިއްޔަތަކީ ނުހަނު ހިތްގައިމު އަދި އެހައިމެ ދަމާބާރުގަދަ ޖާދުވީ ޝަޚުޞިއްޔަތެކެވެ. އެމާތް ސާހިބާ ދެކޭ ކޮންމެ މީހަކަށް އެމާތް ސާހިބާގެ ދަގަތްފާނީ ޝަޚުޞިއްޔަތުގެ އަސަރު އިންތިހާއަށް ފޯރައެވެ. އަލަށް އެކަލޭގެފާނު ދެކޭ މީހުންގެ ހިތްތަކަށް އެކަލޭގެފާނުގެ ހައިބަތުވެރިއެވެ. އެކަލޭގެފާނާއެކު މަޖްލިސުކުރެވި ވާހަކަ ދެކެވޭ ކޮންމެ މީހެއްގެ ހިތް އެމާތް ސާހިބާ ދެކެ ލޯބިން ފުރިއުތުރި އަރައެވެ. جــابـــر بــن سمــــرة رضى اللّـه عنــه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ހަނދުވަރީ ރެޔަކު ރަތްކުލައިގެ ރިދާކޮޅެއް ގައިކޮޅުގައި ލައްވައިގެން ހަނދުވަރުމަތީގައި އަވަހާރަފުޅު ލައްޕަވައިފައި އޮންނެވިއެވެ. އަހަރެން އެއްފަހަރު ހަނދަށް އަނެއްފަހަރު އެމާތް ސާހިބާއާ ދިމާޔަށް ބަލަބަލައި ހުރީމެވެ. އަހަންނަށް އެންމެފަހުން ނިންމުނީ އިތުރު ސާހިބާ ހަނދަށްވުރެ މާފުރިހަމަ ކަމުގައެވެ.

އިތުރު ސާހިބާ ވާހަކަފުޅު ދައްކަވާއިރު އަޑުފުޅު ނުހަނު މަޑުމައިތިރިއެވެ. ބަސްފުޅުތައް ފޮންޏެވެ. އަޑުފުޅު މާބާރެއް ނޫނެވެ. މާކަ މަޑެއްވެސް ނޫނެވެ. އަޑުފުޅު ހުންނަނީ އެދެމެދަށެވެ. ކަންފަތްތަކަށް އަޑުއަހަން ނުހަނު ފަސޭހައެވެ. ވާހަކަފުޅު ދައްކަވަނީ މުޅީންވެސް ފިޠުރީ ގޮތެއްގައެވެ. އެއްވެސްކަހަލަ އަޅައިގަތުމެއް ހިފެހެއްޓުމެއްނެތި ދޫފުޅުމައްޗަށް ބަސްފުޅުތައް އޮހެމުން އާދެއެވެ. އެއްވެސްކަހަލަ އުނދަގޫފުޅުކަމެއް ނުހުރެއެވެ. ބަސްފުޅުތަކުގައި ހެދުން އެޅުއްވުމުގެ ތަޞައްނުޢެއް ނުގެންގުޅުއްވައެވެ. އަޑުފުޅު މަތިކުރައްވަން ޖެހިވަޑައިގަންނަވާ ތަންތަނަށް ބާރުކޮށްލައްވައެވެ. ތިރިކުރައްވަން ޖެހިވަޑައިގަންނަވާ ތަންތަނަށް މަޑުކޮށްލައްވައެވެ. ޖުމުލަތައް ވަރަށް ސާފެވެ. ކުޑަވެސް އޮޅުމެއް ނުހުރެއެވެ. ބަސްފުޅުތަކުގެ މަޚުރަޖަޔަށާއި ތަލައްފުޒަށް ވަރަށްބޮޑަށް ވިސްނައި ވަޑައިގަންނަވައެވެ. ޞަރީޙަކަމަށާއި ބަލާޣަތަށް ނުހަނު ފަރުވާތެރިވެވަޑައިގަންނަވައެވެ. ކޮންމެ ވާހަކަފުޅެއްވެސް ދައްކަވަނީ ކުރުކޮށް ފުރިހަމަކޮށެވެ. ފޮނިކޮށެވެ. ވާހަކަ ދެއްކުމުގެ ފަންނީ ފުރިހަމަކަމާ ގުޅޭ ކޮންމެ ރޮނގަކުން ވިސްނައިލި ކަމުގައިވިޔަސް އިތުރު ސާހިބާގެ ވާހަކަފުޅު ހުންނަނީ ފުރިހަމަކަމުގެ އެންމެ މަތީ ދަރަޖައިގައެވެ. (ޑޮކްޓަރ ޝަރަފުއްދީން ސާހިލު)

ކައުސާހިބާ صلّــى اللّـه عليـه وسلّـم އަރަބީންގެ ހުރިހައި ޤަބީލާތަކެއްގެ ބަހުރުވަތައް ދެނެވަޑައިގަންނަވައެވެ. އެބަޔެއްގެ ވާހަކަ ދެއްކުމުގެ އަދަބުތަކާއި ގަވާއިދުތަކާ އެކުގައެވެ. ކޮންމެ ބަޔަކާވެސް ވާހަކަފުޅު ދައްކަވަނީ އެބައެއްގެ އެންމެ ރިވެތި އަދަބީ ބަސްތައް ބޭނުންކުރައްވައިގެންނެވެ. ޤުރައިޝުވަންހައިގެ ބޮޑުންނާ ދައްކަވާ ވާހަކަފުޅާ ޔަމަނުކަރައިގެ ރަސްރަސްކަލުންނާއި ވެރީންނާ ވާހަކަފުޅު ދައްކަވާގޮތް ތަފާތެވެ. އިތުރު ސާހިބާއަކީ ޖަވާމިއުލްކަލިމުގެ ވެރި ސާހިބާއެވެ. އިތުރު ސާހިބާގެ ވަރަށްގިނަ ބަސްފުޅުތަކެއްވަނީ އަދަބީ ރަންމުތުގެ ގޮތުގައި ފާހަގަވެ މަޝްހޫރުވެފައެވެ. (صـلاح الـدّيــن)

الحيـاء مــن الإيمــان (مـتـفــق عليــه) ލަދުވެތިކަމަކީ އީމާންކަމުގެ ބައެކެވެ.

كلمة الحكمه ضالــة المؤمــن (إبــن مـاجـه) ޙިކުމަތްތެރި ބަހަކީ މުއުމިނާގެ ގެއްލިފައިވާ މުދަލެކެވެ.

ان من الشعر حكمه ومن البيـان سحرا (بخارى) ޅެމުގެ ތެރެއިން ބައެއް ޅެމަކީ ޙިކުމަތެކެވެ. ބައެއް ބަޔާންތަކަކީ ޖާދޫއެކެވެ.

لايلدغ المؤمن مـن جحر مـرتين (مـتـفــق عليــه) މުއުމިނެއްގެ ގަޔަކު އެއްހަރަކުން ދެފަހަރަށް ކައްޓެއް ނުޖެހޭނެއެވެ.

خيركــم خيركــم لاهلـه (تــرمـذى) ތިޔަބައިމީހުންކުރެ އެންމެ ހެޔޮމީހުންނަކީ އަނބީންނަށް އެންމެ ހެޔޮ މީހުންނެވެ.

انماالاعمال بالنيــات (مـتـفــق عليــه) ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ.

لكل امــرى مانــوى (مـتـفــق عليــه) ކޮންމެ މީހަކަށްވެސް މޭވާ ލިބެނީ އެމީހެއްގެ ނިޔަތާ އެއްގޮތަށެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ކޮންމެ ޙަދީޘްފުޅަކީވެސް އެމާތް ސާހިބާގެ ފަޞާޙަތާއި ބަލާޣަތުގެ މައްޗަށް ދަލީލުކުރާ ޙަދީޘްފުޅެކެވެ. މަތީގައި ބަޔާންކޮށްފައިވަނީ ހަމައެކަނި ބައެއް މިސާލުތަކެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ވަނީ ހުރިހައި މައިދާންތަކެއްގައިވެސް ބުއްދިތައް ހައިރާންވެ އަންތަރީސްވާފަދަ ކާމިޔާބީތަކެއް ހާސިލުކުރައްވައިފައެވެ. އޭގެސަބަބަކީ

އެ މުޤައްދަސް ޒާތުފުޅުގެ ތެދުވެރިކަމެވެ. މުޢާމަލާ ފަހުމުވެވަޑައިގެންނެވުމެވެ. ރިވެތި ސުލޫކެވެ.

އިންސާނީ ލާބަޔަށްޓަކައި ޤުރުބާންވެވަޑައިގެންނެވުމެވެ. ކެތްތެރިވެވަޑައިގެންނެވުމެވެ. ޝުކުރުވެރިވެވަޑައިގެންނެވުމެވެ. މާފުކުރެއްވުމެވެ. މީހުން ކުރާ ނުބައި ކަންތައް ހަނދުމަފުޅު ނައްތައިލެއްވުމެވެ. ހިތްޕުޅު ހެޔޮކުރެއްވުމެވެ. ފުއްދުންތެރިވެވަޑައިގެންނެވުމެވެ. ވަކީލުކުރެއްވުމެވެ. މިއިން ކޮންމެ ކަމެއްގައިވެސް އެކަމެއްގެ އެންމެމަތީ ދަރަޖަޔަށް ކުރިއަރައިވަޑައިގެން ހުންނެވުމެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ޝަޚުޞިއްޔަތު ޒީނަތްތެރިވެގެންވަނީ ހިއްސުފުޅުތަކުގެ ތޫނުކަމުންނެވެ. ބަރުދާސް ކުރައްވާލެއް ވަރުގަދަކަމުންނެވެ. ކަންކަމުގައި ގޮތްނިންމަވަން ކުޅަދާނަފުޅުކަމާއި ފުރިހަމަކަމުންނެވެ. ފިޔަވަޅު އެޅުއްވުމާއި ޢަމަލު ކުރެއްވުމުގެ ބާރުގެ ވަރުގަދަކަމާއި ހަލުއިކަމުންނެވެ.

(ނުނިމޭ)