ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 314.2 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސަރުކާރު ކުންފުނިތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން އެމްއޭސީއެލްއަށް 314 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު ނަމަވެސް އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އަދަށްވުރެ ދަށް އަދަދެކެވެ.
އެގޮތުން ސާފު ފައިސާ މިދިޔަ އަހަރަށްވުރެ 26 ޕަސެންޓް ދަށް ވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލްއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 422.7 މިލިއަން ރުފިޔާއެވެ.
ޕީސީބީގެ ރިޕޯޓުގައި ބުނެފައި ވަނީ، ފުރަތަމަ ކުއާޓަރުގައި 487 މިލިއަން ރުފިޔާގެ ލޯނެއް އެ ކުންފުނިން ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންކަމަކާ ގުޅިގެން ނެގި ލޯނެއްކަމެއް ބުނެފައެއް ނުވެއެވެ.
އެމްއޭސީއެލްއަށް އާމްދަނީ ލިބޭ ހުރިހާ ދިމާލަކު ވެސް ފުރަތަމަ ކުއާޓަރުގައި ކުރިއެރުން ހޯދި ކަމަށް ރިޕޯޓުގައި ބުނެފައިވާ އިރު، އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޑިއުޓީ ފްރީން ކަން ފާހަގަކޮށްފައިވެއެވެ. ޑިއުޓީ ފްރީން ލިބުނު އާމްދަނީ ވަނީ 125 ޕަސެންޓް އިތުރުވެފައިވާ ކަމަށައި، ތެޔޮ ވިއްކުމާއި ވައިގެ ދަތުރުފަތުރާ ގުޅުން ނެތް ވިޔަފާރިން ލިބުނު އާމްދަނީ ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްއޭސީއެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު