ދިރާގު "އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން މިއަހަރު 12 ބައިވެރިޔަކު ތަމްރީން ކުރަން ނިންމައިފިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން ކަމަށެވެ. އެގޮތުން މި ޕްރޮގްރާމު މެދުވެރިކޮށް ބައިވެރިންނަށް ތަމްރީނު ލިބި ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އެގޮތުން އޭލެވެލް ނިންމާފައިވާ އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ، އެ ޕްރޮގްރާމަށް މިއަހަރު ހޮވުނު 14 ބައިވެރިންނަށް އެ ކުންފުނީގެ އެކި ޑިޕާޓުމަންޓްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން މާކެޓިން، ސޭލްސް، ހިއުމަން ރިސޯސް، ފައިނޭންސް، ނެޓްވޯކްސް، ބިޒްނެސް ސޮލިއުޝަން އެންޑް އިންފޮމޭޝަން ސިސްޓަމް ހިމެނެއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިހާތަނަށް 214 ބައިވެރިޔަކު ވަނީ ފުރިހަމަކޮށްފައެެވެ.