އުރީދޫ އަތޮޅު ދުވުމުގެ ބައިވެރިންގެ ދުވުން ނިންމަން ބާކީ ދެން އޮތީ މާދަމާ އެކަންޏެވެ. ދުވުންތެރިން ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމްގައި މާދަމާ މެންދަމު 12:00ގެ ކުރިން ވާޗުއަލް ބިބް ޝެއާކޮށްގެން އަތޮޅު ދުވުމުގެ ޓީޝާޓެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާއިރު، މިއަހަރުގެ ރަންގައި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީގައި ވެސް ބައިވެރިވެވެއެވެ.

ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންވާ ދުވުންތެރިން ދެ ކެޓެގަރީއަށް ވަކިން ރެޖިސްޓާވެ، މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަން ޖެހެއެވެ. ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި މިހާރުވެސް ވަނީ ގިނަ ބަޔަކު ބައިވެރިވެ ދުވެފައެވެ. ދުވުމުގެ މުއްދަތު މާދަމާ ހަމަވާއިރު، ގިނަ ބަޔަކު ވަނީ ދުވުން ފުރިހަމަކޮށް ފޮޓޯތައްވެސް ހިއްސާ ކޮށްފައެވެ.

އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަށް ކުރިއަށް ގެންދާ އިވެންޓްގައި މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވެއެވެ.

ދުވުމުގެ ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަމޭޝަން މެސެޖެއް ލިބޭނެއެވެ. ރެޖިސްޓާކޮށްފައިވާ ދުވުންތެރިން، އެމީހެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބު ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓުގެ ސްކީންޝޮޓް، ކޮންފަމޭޝަން މެސެޖާއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެއެވެ. ފިޒިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ހިލޭ ޑެލިވާކޮށްދޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.