(30 ޖުލައިގެ އަދަދާ ގުޅޭ)
ކައުސާހިބާ صلّــى اللّـه عليـه وسلّـم ތަޢުލީމާއި ތަރުބިޔަތު ދެއްވުމަށްޓަކައި ބޭނުންކުރެއްވި މިދެންނެވި ގޮތްކޮޅުތަކުގެ ވާހަކަތަކުން ޙަދީޘާއި ސީރަތުގެ ހުރިހާ ފޮތްތަކެއްވަނީ ޒީނަތްތެރިވެފައެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ބަޔަކަށް ކަމެއް އުނގަންނައިދެއްވަން ބޭނުންފުޅުވެވަޑައިގެންފިނަމަ އެމާތް ސާހިބާގެ ސިކުނޑިފުޅުގައި އެކަމެއްގެ ގިއުގަނޑު ރާއްވައިލައްވައެވެ. އިތުރު ސާހިބާއަށް ލިބިވަޑައިގަންނަވާ ތަޢުލީމާއި ތަރުބިޔަތުގެ އެއްވެސް ފުރުސަތެއް ނަންގަވައެއް ނުލައްވައެވެ. ޢާއްމު ތަނެއްގައި ހުންނެވިކަމުގައިވިޔަސްވެހެވެ. މަދުބައެއްގެ ތެރޭގައި ހުންނެވިކަމުގައި ވިޔަސްވެހެވެ. ވަކި ފަރުދަކާއެކު ހުންނެވިކަމުގައިވިޔަސް ގަނޑުވަރުގައި ނުވަތަ މިސްކިތުގައި ހުންނެވިކަމުގައި ވިޔސްވެހެވެ. އަދި ކީއްތޯއެވެ؟ ހަނގުރާމައިގެ މައިދާނެއްގައި ހުންނެވިކަމުގައިވިޔަސް ތަޢުލީމާއި ތަރުބިޔަތު ދެއްވުމުގެ އެއްވެސް ފުރުސަތެއް އަތްޕުޅުން ދޫވެގެންދިޔަޔަކަ ނުދެއްވައެވެ. ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއް ފުރިހަމަޔަށް ބޭނުންކުރައްވައެވެ. ކޮންމެކަމަކާ ވިދިގެންވެސް އެކަމަކަށް ބޭނުންވާނެ މަޢުލޫމާތު ދެއްވަމުން ގެންދެވިއެވެ. އެކަމަކީ އުނގަންނައިދެއްވުމުގެ ފުރުސަތަކަށް ހައްދަވަމުން ގެންދެވިއެވެ. (ޑޮކްޓަރ ޝަރަފުއްދީން ސާހިލު)
أبــو ذرّ الـغـفــارى رضى اللّـه عـنــه ވިދާޅުވެފައިވެއެވެ. އެއްދުވަހަކު އަހަރެން މުސްލިމަކާއެކު އެއްތަނެއްގައި އިށީނދެގެން އިނީމެވެ. އެމީހަކީ ކަޅު ނަސްލުގެ މީހެކެވެ. އެހެންކަމުން ޢަރަބީންގެ މުޚާޠަބު ކުރުމުގެ އުސޫލުން އަހަރެން އެމީހާއާ ދިމާއަށް "އޭ ކަޅުމީހާގެ ދަރިޔާއެވެ!" ބުނެފީމެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް އެއަޑު އިވިވަޑައިގެންނެވުމުން އެކަމާ ވަރަށްބޮޑަށް ނުރުހުންވެވަޑައިގެންނެވިއެވެ. ޙަދީޘު ކުރެއްވިއެވެ. "އެންމެންނަށް އެއް ނާޅިޔަކުން މިނެދޭށެވެ." އާދެ، އެންމެންނާވެސް އެއްފެންވަރެއްގެ ބަހުރުވައަކުން މުޚާޠަބުކުރާށެވެ. އެކަކާ ރީތި ބަހުން އަނެކަކާ ހުތުރު ބަހުން ވާހަކަ ނުދައްކާށެވެ. އިންސާނުންގެ މެދުގައި ތަފާތު ނުކުރާށެވެ. އެއަށްފަހު ވިދާޅުވިއެވެ. "ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަކަށް މާތްކަމެއް ލިބިގެނެއް ނުވެއެވެ."
ކައުސާހިބާ صلّــى اللّـه عليـه وسلّـم މައްކާ ފަތަޙަކުރެއްވި ދުވަހު بـلال حبشى رضى اللّـه عـنــه އަށް ގެފުޅުގެ މައްޗަށް އަރައިވަޑައިގެން ބަންގި ދެއްވަން އަމުރުކުރެއްވިއެވެ. އޭރު ޤުރައިޝުން ބޮޑުންގެ ތެރެއިން އެހައިތަނަށް އިސްލާމްނުވެތިބި ބަޔަކުވެސް ޙަރަމްފުޅުގެ ތެރޭގައި ތިއްބެވެ. އޭގެތެރެއިން އެކަކު ބުންޏެވެ. "اللّـه އަށް ޝުކުރު ހުއްޓެވެ. އަހަރެންގެ ބައްޕަ ވަނީ މިނުބައި ދުވަސް ފެނުމުގެ ކުރީން މިދުނިޔެއިން ވަކިވެފައެވެ." حــارث بن هشــام ވިދާޅުވިއެވެ. "محمّد (صلّــى اللّـه عليـه وسلّـم) އަށް މި ކަޅުމީހާ ނޫން އެހެން މީހަކު ލިބިވަޑައިނުގެންނެވީ ބާވައެވެ؟"
ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް އެވާހަކަތަކުގެ ޚަބަރު ލިބިވަޑައިގެންނެވިއެވެ. އިތުރު ސާހިބާ އޭރު ހުންނެވީ ޠަވާފުކުރައްވާށެވެ. ޠަވާފުކުރައްވައި ނިމިވަޑައިގެން ޢާއްމު ޚުޠުބާއެއް ދެއްވިއެވެ. އެ ޚުޠުބާގެ ތެރޭގައި ޙަދީޘްކުރެއްވިއެވެ.
"އޭ ޤުރައިޝުވަންހައިގެ މީހުންނޭވެ! މާތް اللّـه ވަނީ ޖާހިލިއްޔަތުގެ ކިބުރުވެރިކަމާއި ބޮޑާކަން ނައްތައިލައްވައިފައެވެ. އެންމެންނަކީވެސް آدم ގެ ދަރީންނެވެ. آدم ގެފާނުގެ ނަސްލުގެ މީހުންނެވެ. آدم ގެފާނު ހެއްދެވީ މަށީންނެވެ."
ރިވާޔަތެއްގައި އައިސްފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް އެއްދުވަހަކު މުދާވެރި މުއްސަނދި މުސްލިމަކު ފެނިވަޑައިގެންނެވިއެވެ. އޭނާ އުޅުނީ ކައިރީގައި އިން ފަގީރު މުސްލިމަކާމެދު ފަކުރުހީވެގެން އުޅޭގޮތަށެވެ. އޭނާ އުޅުނީ އެ ފަގީރު މީހާގެ ކިބައިން ސަލާމަތްވާށެވެ. އޭނާ ގެންދިޔައީ ފަގީރު މީހާގެ ގައިގައި ހޭކިދާނެތީ އޭނާގެ ހެދުންވެސް ކޮށިކުރަމުންނެވެ. އިތުރު ސާހިބާ އެ މުއްސަނދިމީހާއާ މުޚާޠަބުކުރައްވައި ޙަދީޘުކުރެއްވިއެވެ. "މީނާގެ ފަގީރުކަން ތިބާއަށް އަރައިފާނެކަމަށް ބިރުގަންނަނީ ހެއްޔެވެ؟"
ކައުސާހިބާ صلّــى اللّـه عليـه وسلّـم އެއްފަހަރަކު ޔަހޫދީއެއްގެ އަތުން ދަރަންޏަށް އެއްޗެއް އަތުލެއްވިއެވެ. ދަރަނި އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދުވަހުގެ މާކުރީން އެ ޔަހޫދީކަލޭގެ ދަރަނި ބަލައި އަތުވެއްޖެއެވެ. އެކަލޭގެ އައިސް ކައުސާހިބާގެ ކޮނޑުފުޅުމަތީގައި އޮތް ރިދާކޮޅު ދަމައިގަތެވެ. އިތުރު ސާހިބާގެ އިޒާރުކޮޅުގައި ހިފައި ދަމައިގެންފައި ހުތުރު ބަހުން ދެންނެވިއެވެ. "عـبـدالمطّـلـب ގެ ދަރީންނަކީ މީހެއްގެ އަތުން ދަރަންޏަށް އެއްޗެއް އަތުލައިފިނަމަ އެދަރަންޏެއް އަދާކުރާ ބައެއް ނޫނެވެ." އޭރު عـمــر بــن الخطّــاب رضى اللّـه عنــه އިތުރު ސާހިބާގެ އަރިހުގައި އިންނެވިއެވެ. ޔަހޫދީ ކަލޭގެ އަދަބު ކުޑަކަމާމެދު عـمــر ގެފާނު ކޯފާއިސްވިއެވެ. ޔަހޫދީ ކަލޭގެއާ ދިމާޔަށް ކޯފާވާން ފައްޓަވައިފިއެވެ. عـمــر ގެފާނު އެކަލޭގެ ގައިގައި ޖައްސަވަން އުޅުއްވާހެން ހީފުޅުވުމުން ކައުސާހިބާ صلّــى اللّـه عليـه وسلّـم ހިނިވަރުނަ ކުރައްވައިފައި ވިދާޅުވިއެވެ.
"އޭ عـمــر ގެފާނެވެ! މި ޔަހޫދީ މީހާއާއި ތިމަންކަލޭގެފާނާ ކަލޭގެފާނުގެ ފަރާތްޕުޅުން ބޭނުންވަނީ އެހެންކަމެކެވެ. ތިމަންކަލޭގެފާނަށް އޭނާގެ ދަރަނި އަވަހަށް އަދާކުރާން އަންގަވާށެވެ. އެދަރަނި ލިބިގަތުމަށް ރީތިގޮތުގައި މަސައްކަތްކުރަން މީނާއަށް އަންގަވާށެވެ."
އެއަށްފަހު عـمــر ގެފާނަށް ވިދާޅުވިއެވެ. "މީނާ ގޮވައިގެން އެވެނި މީހެއްގެ ގާތަށް ވަޑައިގެން ކަދުރު ހޯއްދަވައިފައި މީނާގެ ދަރަނި އަދާކުރައްވާށެވެ. އިތުރަށް ވިހި ސާޢުގެ ކަދުރު (ގާތްގަނޑަކަށް ސާޅީސް ކިލޯ) ދެއްވައްޗެވެ. އެހެނީ ކަލޭގެފާނު މީނާއަށް ކޯފާވެއްޖައީމުއެވެ."
(وحـيـد الـدّيــن خــان)
އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ބަލިމީހަކަށް ޒިޔާރަތް ކުރައްވައިފިނަމަ އުންމީދު ކަނޑައިނުލާން ނަސޭހަތް ދެއްވައެވެ. ވިދާޅުވެއެވެ. "އޭ މާތް اللّـه ގެ އަޅުތަކުންނޭވެ! ބޭސްކުރާށެވެ. އަރަހުށި މާތް اللّـه ވަނީ މުސްކުޅި ބަލި ފިޔަވައި އެހެން ކޮންމެ ބައްޔެއްގެ ބޭސް އުފައްދަވައިފައެވެ."
ކައުސާހިބާ صلّــى اللّـه عليـه وسلّـم ތަޢުލީމު ދެއްވުމަށްޓަކައި ވަރަށް ގިނަފަހަރަށް ސުވާލެއް ކުރައްވައިގެން އެމާތް ސާހިބާ އުނގަންނައިދެއްވާ ބަޔަކު އެމާތް ސާހިބާޔާ ދިމާޔަށް ސަމާލު ކުރުއްވައެވެ. އެބައެއްގެ އޮޅުންފިލުވުމުގެ ޝައުޤު އިތުރު ކުރައްވައެވެ. އެއަށްފަހު އެބައެއްގެ ކުރިމައްޗަށް އެމައްސަލައެއް ހުށަހަޅުއްވައެވެ. އެބަޔަކަށް އެކަމެއް ވިދާޅުވެދެއްވައެވެ. އެސުވާލެއްގެ ރަނގަޅު ޖަވާބު ވިދާޅުވެދެއްވައެވެ. އެހެންމީހުންނަށްވެސް މިނިވަންކަމާއެކު ސުވާލު ކުރުމުގެ ފުރުސަތު ދެއްވައެވެ.
أنـس رضى اللّـه عـنــه ވިދާޅުވެފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެއްފަހަރު ބަލިއެނދުގައި އޮތް ޒުވާނެއްގެ ގާތަށް ފައިންޕުޅު ބީއްސެވިއެވެ. އެއީ އެ ޒުވާނާގެ އެންމެފަހު ވަގުތެވެ. އޭނާ ވަނީ މިދުނިޔެއަށް އަލްވަދާޢު ކިޔައި އާޚިރަތުގެ ދަތުރު ފަށަން ތައްޔާރުވެފައެވެ. އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ. "މިވަގުތު ތިބާއަށް ތިބާގެ ނަފުސު ފެންނަނީ ކޮންހާލެއްގައި ވަނިކޮށް ހެއްޔެވެ؟" އެޒުވާނާ ދެންނެވިއެވެ. "އޭ މާތް اللّـه ގެ ރަސޫލާއެވެ. އަޅުގަނޑު މާތް اللّـه ގެ ރަޙުމަތްފުޅާމެދު އުންމީދުވެސް ކުރަމެވެ. ހަމައެއާއެކު އަޅުގަނޑުގެ ފާފަތަކުގެ ސަޒާއާއި ޢަޒާބާމެދު ބިރުވެސްގަނެއެވެ." ކައުސާހިބާ صلّــى اللّـه عليـه وسلّـم ޙަދީޘް ކުރެއްވިއެވެ. "ޔަގީންކުރާށެވެ. ތިޔަ ޙާލަތުގައި (މަރުމަތީގައި) އެމީހެއްގެ ހިތުގައި އުންމީދާއި ބިރުވެތިކަމާއި މިދެކަންތައް ޖަމާވެފައިވާނަމަ އަރަހުށި މާތް اللّـه އެމީހަކަށް އެދެކަން ދެއްވާނެއެވެ. މާތް اللّـه ގެ ރަޙުމަތަށް އުންމީދުކުރާ މީހާ ޢަޒާބުގެ ބިރުވެރިކަމުން ރައްކައުތެރި ކުރައްވާނެއެވެ. އެމީހެއްގެ ހިތުގައި ޢަޒާބަށް ބިރުވެތިވުން ވާކަމުގައިވާނަމައެވެ."
ޞަހީޙު މުސްލިމުގައި جــابـــر رضى اللّـه عنــه ގެ އަރިހުން ރިވާވެފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެއްދުވަހަކު ހިންގަވައިފައި ވަޑައިގެންނެވި މަގެއްގެމަތީން މަރުވެފައިއޮތް ޅަބަކަރިއެއް ފެނިވަޑައިގެންނެވިއެވެ. އެބަކަރީގެ ކަންފަތްވަނީ ކަނޑައިފައެވެ. އެވަގުތު އަރިހުގައި ތިއްބެވި ބޭކަލުންނާ ސުވާލު ކުރެއްވިއެވެ. "ތިޔައިގެ ތެރެއިން އެއްވެސް ބޭކަލަކު އެއްދިރުހަމަށް މިބަކަރި ބައްލަވައިގަންނަވަން ގަބޫލުތޯއެވެ؟" އަރިހުގައި ތިއްބެވި ބޭކަލުން ޖަވާބު އެރުއްވިއެވެ. "އަޅުގަނޑުމެންކުރެ އެކަކުވެސް އެއްވެސް އަގަކަށް ތިޔަ ބަކަރި ގަންނާކަށެއް ގަބޫލެއް ނޫނެވެ." އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ޙަދީޘުކުރެއްވިއެވެ. "މާތް اللّـه ގަންދެއްވަމެވެ. ތިޔަބޭކަލުންގެ އަރިހުގައި މިބަކަރީގެ އަގަށްވުރެވެސް اللّـه ގެ ޙަޟުރަތުގައި މިދުނިޔޭގެ އަގު މާދަށެވެ."
ކައުސާހިބާ صلّــى اللّـه عليـه وسلّـم ކަމަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވަން ބޭނުންފުޅު ކަމުގައިވާނަމަ ވާހަކަފުޅު ދައްކަވަނީ ޚަބަރެއް ދެއްވާގޮތަށެވެ. ވާހަކަފުޅު ކުރުކުރެއްވުމަށް ސަމާލުކަން ދެއްވައެވެ. ދައްކަވާ ވާހަކަފުޅު ފަހުމުކުރެވުމުގައި އެއްވެސްކަހަލަ އުނދަގުލެއް އޮތަނުދެއްވުމަށްޓަކައި މިސާލު ޖައްސަވައެވެ. ސިފަކޮށްދެއްވުމުގެ ބޭނުންފުޅު ކުރައްވައެވެ. ބޭނުންފުޅު ކުރައްވާ ބަސްފުޅުތަކުގެ ޒަރީޢާއިން އެކަމެއްގެ ލަފުޒީ ތަސްވީރެއް ކުރައްސަވައިދެއްވައެވެ. މިސާލެއްގެ ގޮތުން އާޚިރަތާ އަޅާބަލާއިރު ދުނިޔޭގެ ޙަޤީޤަތް ބަޔާންކޮށްދެއްވުމަށްޓަކައި އެއްފަހަރު ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވިއެވެ. "އާޚިރަތާ ނިސްބަތްކުރާއިރު ދުނިޔޭގެ ޙަޤީޤަތަކީ ތިޔައިން ބޭކަލަކު ކަނޑަކަށް ނުވަތަ ކޯރަކަށް އިނގިލި ބާނުއްވައިފައި ނަންގަވާއިރު އެކަނޑުގެ ލޮނުގަނޑުން ނުވަތަ ކޯރުގެ ފެންގަނޑުން މަދުވާ މިންވަރެވެ. (މުސްލިމު)
ދުނިޔެއަށް ލޯބިކުރާ މީހަކު ފާފައިން ސަލާމަތެއް ނުވާނެއެވެ. މި ޙަޤީޤަތް ބަޔާންކުރެއްވުމަށްޓަކައި ވިދާޅުވިއެވެ. "ފެންގަނޑެއްގެ މަތީގައި ހިނގުމުން އެމީހެއްގެ ފައިތިލަ ނުތެމޭނެ މީހަކު ހުންނާނެހެއްޔެވެ؟" އެސުވާލުގެ ޖަވާބުގައި ދެންނެވުނެވެ. "އެފަދަ މީހަކު ނުހުންނާނެއެވެ." ޙަދީޘު ކުރެއްވިއެވެ. "ހަމައެފަދައިން ދުނިޔެވަންތަ މީހަކަށް ފާފައަކުން ސަލާމަތެއް ނުވެވޭނެއެވެ." (ބައިޙަޤީ)
ގެދޮރު ސާފުތާހިރުކުރުމާ ބެހޭގޮތުން އެއްފަހަރަކު އިރުޝާދު ދެއްވިއެވެ. "ތިޔަބޭކަލުންގެ ގެކޮޅުތައް ސާފުތާހިރު ކުރައްވާށެވެ. ޔަހޫދީން ފަދައިން ވެވަޑައިނުގަންނަވާށެވެ." (ބުޚާރީ) ހަށިގަނޑުގެ ސާފުތާހިރުކަމަކީ ދުޅަހެއިކަމުގެ ޖާމިނެކެވެ. ގަރަންޓީއެކެވެ. އެކަން ވިސްނައިދެއްވުމަށްޓަކައި ޙަދީޘު ކުރެއްވިއެވެ. "ތިޔަބޭކަލުންގެ ހަށިކޮޅުތަކަށްވެސް ތިޔަބޭކަލުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޙައްޤުތަކެއް ވެއެވެ." (މުސްލިމު) ބޭސްވެރިކަން ދަސްކުރުމަށް ބާރުއަޅުއްވައި ޙަދީޘު ކުރެއްވިއެވެ. "އަރަހުށި މާތް اللّـه އެބައްޔަކަށް ފަރުވާކުރެވުމުގެ އެކަށޭނަކަންނުވާ އެއްވެސް ބައްޔެއް ނުހައްދަވައެވެ. ޝައްކެތްނެތެވެ. އެއްބަޔަކު ބޭސްވެރިކަން އުނގެނެއެވެ. އަނެއްބަޔަކު އެކަމެއް ނުކުރެއެވެ." (އިބްނު މާޖާ، ނަސާއީ)
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު