ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލާފައިވާ ރެކޮމަންޑޭޝަންތަކަށް އަމަލު ކުރަން ރާވާފައިވާގޮތް ސަރުކާރުން އެންގުމުން ނޫނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައި ގަތުމަކީ ރުހޭ ކަމެއްނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެފައިވާތީ، އެކަމާމެދު ސަރުކާރުން ވިސްނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު މާލެ ވަޑައިގަތުމާމެދު ހަސަން ލަތީފު ދެކެވަޑައިގަންނަވާގޮތް، ޓްވީޓު ކުރެއްވުމާ ގުޅިގެން އެއަށް ޖަވާބު ދެއްވައި އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނެކަމަށް، އެމަނިކުފާނުގެ އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުން ހާމަކުރުމާ ގުޅިގެން، އެކަމާމެދު ދެކޭގޮތް ހާމަ ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފު ވިދާޅުވީ، އިންކުއަރީގެ ރެކޮމެންޑޭޝަނަށް އަމަލު ކުރަން ރާވާފައިވާގޮތް އެންގުމުން ނޫނީ އެނބުރި ރާއްޖެ ވަޑައި ގަތުމަކީ އޭނާ އެދޭނެ އަދި ރުހޭނެ ކަމެއްނޫން ކަމަށެވެ.

އެގޮތަށް ބުނަން ޖެހުނީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައިހުރި ކަންކަމަށް އަމަލު ކޮށްފައިހުރި ގޮތުން ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ދެކެވަޑައިގަންނަވާ ގޮތަކީ އަބަދުވެސް އެމަނިކުފާނު ވިސްނަވާނެ ކަމެއް ކަމަށެވެ.

އޭގެ އިތުރުން، އެކަމާމެދު ސަރުކާރުންވެސް ވިސްނާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެމްޑީޕީގެ ޗެއާ ދެކެވަޑައިގަންނަވާ ގޮތް އެއީ އަބަދުވެސް އަޅުގަނޑު ވިސްނާނެ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރު ވެސް، އެމްޑީޕީ ދެކޭ ގޮތާއި، ގުޅޭގޮތުން ވިސްނާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ވަޑައިގެން ދުވަސްކޮޅަކު ހުންނެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދާ ހަވާލާދެއްވައި ނޫސްތަކުން ބުނެފައި ވަނީ ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނީ، އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށެވެ.

ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށްވެސް ޑރ. ނާޝިދު ވަނީ ވިދާޅުވެފައެވެ.