ގުޅީފަޅުގެ ޕްލޭން ރިވައިސްކޮށް ރައްޔިތުންނަށް ގެދޮރު ދިނުމަށް މި ސަރުކާރުގައި ތަކުރާރުކޮށް އެދުމުންވެސް މިހާތަނަށް އެމައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން މިރޭ ފަށާ ސިލްސިލާ ބައްދަލުވުންތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގުޅީފަޅުގެ މައްސަލާގައި ރައީސަށް ތަކުރާރުކޮށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ބޭނުންވަނީ ގުޅީފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ގުޅީފަޅުގައި ޕޯޓު ގާއިމް ކުރަން ނިންމައި، ގުޅީފަޅާއި ތިލަފުއްޓާއި ވިލިމާލޭގެ އިތުރުން މާލެ ބުރިޖަކުން ގުޅާލުމަށް ނިންމައިފައެވެ.
ގުޅީފަޅު މައްސަލައިގައި މަޝްވަރާތަކުން ހައްލެއް ނުލިބިއްޖެނަމަ މާލޭ ރައްޔިތުންގެ ހައްގުގައި މާލޭ ސިޓީ ކައުންސިލުން ކޯޓަށްވެސް ދާނެ ކަމަށް މޭޔަރު މުއިއްޒު މިގެ ކުރިން ވިދާޅުވެފައިވެ އެވެ.
މިކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ސިޓި ކައުންސިލުން މި މައްސަލާގައި ކޯޓަށް ދާން ނިންމީ އިތުރު އެއްވެސް ގޮތެއް ނެތް ހާލަތެއްގައި ކަމަށެވެ. އަދި ހަގީގަތުގައި މި މައްސަލާގައި ކޯޓަށް ދާންވެސް ބޭނުން ނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޯޓަށް ދާން ފާސްކުރީ އެންމެ ލާސްޓް އޮޕްޝަންއަކަށް. ހަގީގަތުގަ އަޅުގަނޑުމެން މި މައްސަލައިގެ ކޯޓަށް ދާންވެސް ބޭނުމެއް ނުވޭ. ކޯޓާ ހިސާބަށް ނުގޮސް މި މައްސަލައިގެ ކާމިޔާބު ހައްލެއް ލިބޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު." އޭނާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވަނީ މާލޭސިޓީގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އަދި މިރެއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ރައްޔިތުންގެ ބައްދަލުވުންތަކަކީ މި ޕްރޮޖެކްޓްތައް ހިންގުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
އެގޮތުން މާލޭސިޓީގައި ކުރިއަށް ހިންގުމަށް ރާވާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި މާލޭ ސަރަހައްދުގައި ސީސީޓީވީ ކެމެރާގެ ނިޒާމެއް ގާއިމުކުރުމާއި، ޕާކުތަކާއި ކުޅިވަރު ދަނޑުތަކާއި، މަގު ހެދުން އަދި ޕާކިން ބިލްޑިންތަކާއި، ޕަބްލިކް ޓްރާންސްޕޯޓާއި، ސްކޫލް ބަހުގެ ހިދުމަތާއި، އެއްގަމު އުޅަނދު ދުއްވުން މަނާ ގޯޅިތަކާ ބެހޭގޮތުންނާއި ޓްރެފިކް ވާޑެން ހިމެނެއެވެ. މި ހުރިހާ ޕްރޮޖެކްޓްތަކަށް މި ބައްދަލުވުންތަކުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު