މަވެސްޕީޕީއެމްގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ކުރާ ދަތުރުތަކެއް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ފަށަން ނިންމައިފިއެވެ.
އެކަމާބެހޭ މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރުމަށް ޕީޕީއެމުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ޕީއެންސީގެ ނާއިބު ރައީސް އަދި މާލޭސިިޓީކައުންސިލް މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވީ، އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށާއި، ފުރަތަމަ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ، ހއ. ގެ ރަށްތަކަށް ކަމަށެވެ.
އެ އަތޮޅުގެ ވެސް ދެ ފަޅިއަކަށް ވަކި ވަކިން ކުރުމަށް ފަށާ މި ދަތުރުގައި، ގައްލަންދޫ އެތެރެވަރީގެ ދެ ދާއިރާއަށް، އިސް ބޭފުޅެއްގެ ގޮތުން ވަޑައިގަންނަވާނީ، ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކަމަށާއި، ދައްބިތުގައި ހިމެނޭ ތިން ދާއިރާއަށް އިސްބޭފުޅެއްގެ ގޮތުން ވަޑައިގަންނަވާނީ، ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނު ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ދަތުރުތަކުގެ ބޭނުމަކީ އަންނަ 2023 ހުގައި ބާއްވާ ރިޔާސީ އިންތިހާބަށް، ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މެނިފެސްޓޯ އެކުލަވައިލުމަށް އެ ޕާޓީގެ ޕޮލިސީ ޑިޕާންޓްމަންޓުން ކުރަމުންދާ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށާއި، މެނިފެސްޓޯއަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ހޯދުމަށާއި، ޕާޓީއާ އަލަށް ގުޅުމަށް ބޭނުންވާ މެންބަރުންނަށް އެފުރުސަތު ދިނުން ކަމަށެވެ.
ހޮނިހިރު ދުވަހު ހއ. އަށް ފަށާ މިދަތުރުގައި އަށްދުވަސް ވާނެ ކަމަށްވެސް ސުޖާ ވިދާޅުވިއެވެ. އެގޮތުން ހއ.ގެ 14 ރަށަށް މި ބުރުގައި ޕީޕީއެމްގެ ޓީމުން ޒިޔާރަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ ހޮނިހިރު ދުވަހު ފަށާ ދަތުރާއެކު މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެކި ދުވަސްވަރުގައި އެކިބޭފުޅުންނާއެކު އެ ޕާޓިގެ ޓީމުތައް ޒިޔާރަތް ކުރަމުން ގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު