ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޖާބިރުގެ ޕާސްޕޯޓް ކޯޓު އަމުރަކާ ގުޅިގެން ހިފަހައްޓާފައިވާ ކަން، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން 'ވަން' އިން ޖާބިރުއާ ގުޅާލުމުން ވިދާޅުވީ، ޕާސްޕޯޓް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ޖާބިރު ނުދެއްވަ އެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓިކަމުގެ އަޑުތައް އިއްޔެ އަރާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުތުރު އެއްޗެހި ގޮވަމުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އޭނާ ވަނީ އިއްޔެ އިހުތިޖާޖު ކޮށްފައެވެ.

މެންދުރުގެ ގަދަ އަވީގައި މަޖިލީހުގެ ރަސްމީ ގޭޓު ކުރިމަތިން ޕޭމްންޓްގައި ޖާބިރު އިހުތިޖާޖު ކުރީ އެތަނުގައި އޮށޯވެގެންނާއި އިންށީންދެ އިނދެގެންނެވެ.

މި އިހުތިޖާޖުގައި ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރުމަށްވެސް ޖާބިރު ގޮވިއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މަގާމުން ވަކިކުރުމަށް ވެސް ގޮވައި ހަޅޭއްލެވިއެވެ. އޭގެ އިތުރުން ރައީސް ސޯލިހާއި، މާރިޔާގެ އިތުރުން ޝަމާލްއަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން ޖާބިރު ގަދަ އަޑުން އެއްޗެހި ގޮވިއެވެ.

ފެން ފުޅިއެއް ހިފައިގެން ބޮލަށް ފެން އަޅަމުން ކުރި އިހުތިޖާޖުގައި އެތަނަށް އިތުރަށް ފެން ގެނައުމަށާއި، އޮށޯންނަން އެތަނުގައި ބެޑު އެޅުމަށްވެސް އެދުނެވެ. ނަމަވެސް އެކަމަށް އެދުނީ ކާކުގެކައިރިންކަމެއް ނޭނގެއެވެ.

ޖާބިރު އިހުތިޖާޖު ކުރަމުންދަނިކޮށް އޭނާގެ އަންހެނުން ފާތުމަތު ދިޔާނާ ސައީދު އެތަނަށްއައިސް ވާހަކަ ދައްކައިގެން ޖާބިރު އެތަނުން ގެންދަން މަސައްކަތް ކުރިއެވެ. ނަމަވެސް ޖާބިރު އެތަނުން ދިއުމަށް ދެކޮޅު ހަދައި ދިޔާނާވެސް އެތަނުން ދިއުމަށް އެންގިއެވެ.

އިރުކޮޅަކު އިހުތިޖާޖު ކުރުމަށްފަހު ޖާބިރުވެސް އެ ސަރަހައްދުން ދިޔައެވެ.