ފުޓުބޯޅަ ކުޅުންތެރިޔާ އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) ހައްޔަރުކޮށްފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ، މާފުށީގައި ހިންގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން އެރަށުންނެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު މާފުށީގައި މާރާމާރީއެއް ހިނގާފައިވާ މައްސަލައެއް އެރޭގެ ދަންވަރު 1:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

މުއްކިއަކީ ފުޓުބޯޅަ އަދި ފުޓްސަލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ކުރިން ގައުމީ ޓީމަށްވެސް ކުޅެފައެވެ. ކްލަބު އީގަލްސްއާއެކު ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައި، އެ ކްލަބާއެކު ޕްރެސިޑެންޓްސް ކަޕްވެސް ކާމިޔާބުކުރި މުއްކި މިހާުރު ހުރީ އީގަލްސް ކުޅުންތެރިއެެއްގެ ގޮތުގައެއް ނޫނެވެ. އޭނާ މިހާރު ކެރިއަރުގައި ބޮޑަށް ފާހަގަކުރެވެނީ ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުގައެވެ. ހާއްސަކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑެތި ފުޓްސަލް މުބާރާތްތަކުން މުއްކި ފާހަގަކޮށްލެވެއެވެ.