ސަރުކާރުން އިތުރު ލޯނުތަކެއް ނަގަން ވެލާނާގެ އާއި އޮލިމްޕަސް ރަހުނުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

އެ ދެ އިމާރާތުގެ ބިން ރަހުނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސްގެ އިސް އޮފިޝަލަކާ ހަވާލާދީ އޮންލައިން މީޑިއާއަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ހަވާލާދީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް "ވަން" އަށް މިރޭ ވިދާޅުވީ، އެއްވެސް އިމާރާތެއް ރަހުނު ކުރަން ނިންމާފައިނުވާ ކަމަށެވެ.

ވެލާނާގެ އާއި އޮލިމްޕަސް ރަހުނު ކުރަން އުޅޭ ވާހަކަ ސަރުކާރުން ދޮގުކުރި އިރު، ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ރަހުނު ކުރަން އުޅޭކަމުގެ އަޑުތައް ފެތުރުނު ދުވަސްވަރު ފިނޭންސް މިނިސްޓްރީން ވަނީ އެކަންވެސް ދޮގުކޮށްފައެވެ.

ނަމަވެސް ސަރުކާރުން ފަހުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓަކަށް ބޭނުންކޮށްގެން 1.5 ބިލިއަން ރުފިޔާ ހޯދައިފައެވެ.