ކޮވިޑް ޖެހިގެން ފުވައްމުލަކު ސިޓީން މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 9:00 ގައި ފުވައްމުލަކު ސިޓީން މަރުވެފައި ވަނީ އުމުރުން 94 އަހަރުގެ މީހެއް ކަމަށެވެ.
މިއަދު މަރުވި މީހަކީ ދިވެހި ފިރިހެނެއް ކަމަށާއި، އެއީ ކޮވިޑް އަށް ޕޮޒިޓިވް ވެގެން ފަރުވާ ދިނުމަށް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
މި މީހާ އާއެކު ކޮވިޑްޖެހިގެން ރާއްޖޭގައި މަރުވި މީހުންގެ އަދަދު ވަނީ 222 އަށް އަރައިފައެވެ.
މި ދިވަސްކޮޅު ކޮވިޑް ކޭސްތައް މާލޭ ސަރަހައްދުގަިއ މަދުވި ނަމަވެސް އަތޮޅުތަކުގެ ބައެއް ހިސާބު ތަކުގައި ކޮވިޑް ފެތުރެމުން ދެއެވެ.
އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 86 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 77،633 އަށް އަރާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން 31 މީހަކާއި އަތޮޅުތެރެއިން 37 މީހަކާއި ރިސޯޓުތަކުން 18 މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު