ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުތުރު އެއްޗެހި ގޮވަމުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފިއެވެ.
މެންދުރުގެ ގަދަ އަވީގައި މަޖިލީހުގެ ރަސްމީ ގޭޓު ކުރިމަތިން ޕޭމްންޓްގައި ޖާބިރު އިހުތިޖާޖު ކުރީ އެތަނުގައި އޮށޯވެގެންނާއި އިންށީންދެ އިނދެގެންނެވެ.
އެތަނުގައި އިނދެގެން ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރުމަށްވެސް ޖާބިރު ގޮވިއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބޭރު ކުރުމަށްވެސް ގޮވައި ހަޅޭއްލެވިއެވެ. އޭގެ އިތުރުން ރައީސް ސޯލިހާއި، މާރިޔާގެ އިތުރުން ޝަމާލްއަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން ޖާބިރު ގަދަ އަޑުން އެއްޗެހި ގޮވިއެވެ.
ފެން ފުޅިއެއް ހިފައިގެން ބޮލަށް ފެން އަޅަމުން ކުރި އިހުތިޖާޖުގައި އެތަނަށް އިތުރަށް ފެން ގެނައުމަށާއި، އޮށޯންނަން އެތަނުގައި ބެޑު އެޅުމަށްވެސް އެދުނެވެ. ނަމަވެސް އެކަމަށް އެދުނީ ކާކުގެކައިރިންކަމެއް ނޭނގެއެވެ.
ޖާބިރު އިހުތިޖާޖު ކުރަމުންދަނިކޮށް އޭނާގެ އަންހެނުން ފާތުމަތު ދިޔާނާ ސައީދު އެތަނަށްއައިސް ވާހަކަ ދައްކައިގެން ޖާބިރު އެތަނުން ގެންދަން މަސައްކަތް ކުރިއެވެ. ނަމަވެސް ޖާބިރު އެތަނުން ދިއުމަށް ދެކޮޅު ހަދައި ދިޔާނާވެސް އެތަނުން ދިއުމަށް އެންގިއެވެ.
އިރުކޮޅަކު އިހުތިޖާޖު ކުރުމަށްފަހު ޖާބިރުވެސް އެ ސަރަހައްދުން ދިޔައެވެ.
މިކަމާ ގުޅިގެން ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީ ޖާބިރުގެ ބަހެއް ނުލިބުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިއާއު "ވަން" އަށް ވިދާޅުވީ މަޖިލިސް ކުރިމަތީގައި ޖާބިރު އިހުތިޖާޖު ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާއިން ފެނުނު ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމަކާކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް މެންބަރުންނަށް މަޖިލިސް ހުޅުވާފައި ހުންނަ ކޮންމެ ގަޑިއެއްގައި ވެސް މަޖިލީހަށް ވެދެވަޑައިގެންނެވޭނެ ކަމަށާއި، ނަމަވެސް މިދުވަސް ކޮޅަކީ މަޖިލިސް ޗުއްޓީ ދުވަސްކޮޅުކަމުން މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު