ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ބީއެމްއެލުން ބުނީ މި ޕްރޮގްރާމުގައި މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މިއަހަރު 15 ދަރިވަރަކު މި ޕްރޮގްރާމަށް ހޮވިފައިވާ ކަމަށެވެ. މީގެ ކުރިންވެސް ދެ ފަހަރަކު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ އިރު، މިއަހަރުވެސް މި ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައިވަނީ 12 މަސް ދުވަހަށެވެ.
މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލުން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ.
ބީއެމްއެލުން ބުނީ މި މުއްދަތުގައި ބައިވެރިންނަށް އެ ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ކަނޑައަޅާފައިވާ ކަމަށްވެސް ބުންޏެވެ.
ބީއެމްއެލް ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ މި ޕްރޮގްރާމަކީ ދަސްވެނިންނަށް އުނގެނުމާއި ބޭންކުގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދާ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރު ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ވަޒީފާގެ ޓްރެއިނިންގެ މުއްދަތުގައި މުސާރަ ދެވޭނެއެވެ. އަދި ކާމިޔާބުކަމާއެކު މި ޕްރޮގްރާމު ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލުން އިންޓާންޝިޕް ޕްރޮގްރާމް ތައާރަފު ކުރީ 2018 ވަނަ އަހަރެވެ. މިހާތަނަން މި ޕްރޮގްރާމުގައި 30 ފަރާތަކުން ބައިވެރިވެފައިވާ އިރުމ އޭގެ ތެރެއިން 14 ފަރާތަކަށް ވަނީ ބީއެމްއެލުން ދާއިމީ ވަޒީފާގެ ފުރުސަތު ލިބިފައެވެ.
ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިން ފަހަރަށް ބީއެމްއެލަށް ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު