އަތޮޅުފެރީ ލަފާ ސަރަހައްދުގައި ޓެކްސީ ސްޓޮޕެއް ގާއިމުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "ވަން" އަށް މިއަދު ވިދާޅުވީ އަތޮޅުފެރީ ލަފާ ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު ލަފާ ފުރުމަށް އެއްވާ ސަރަހައްދެއް ކަމަށެވެ. އަދި ޓެކްސީތައް ކިޔޫގައި ޖެހި އެ ސަރަހައްދުގެ ޓްރެފިކަށް ބާރުބޮޑުވެގެންދާ ކަމަށެވެ.
ނަރީޝް ވިދާޅުވީ އެމްއެމްއޭ ސަރަހައްދުގައި ފެރީ ލޯންޗު ގާތްކުރާ ދިމާލުގައި ހުރި ސައިކަލުތައް އެ ސަރަހައްދުން ނަގައި ޓެކްސީ ސްޓޮޕެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މާދަމާ އެތަނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި އެތަނުގެ މަސައްކަތް ނިންމާލުމުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެ ސަރަހައްދަކީ ބާޒާރުމަތީ ސަރަހައްދު. ބާޒާރުމައްޗަކީ އާންމުކޮށްވެސް ކާރޫ ބާރޫ ބޮޑު ސަރަހައްދެއް. މާލެ އަންނަ މީހުންނާއި ފުރާ މީހުން ނަގަން ޓެކްސީތައް މި ތިބެނީ މުޅި އެ ސަރަހައްދުގައި ލައިން ހަދާލާފައި. ދެން އެ ސަރަހައްދު ބްލޮކްވެގެން ވަރަށް ދަތި އުނދަގޫތަކެއް ދިމާވޭ. މިކަމަށް ހައްލު ހޯދުމަށް އަޅުގަނޑުމެން މިހާރު ޓެކްސީތައް މަޑުކުރާނެ ވަކި ސަރަހައްދެއް މި ގާއިމު ކުރަނީ." އޭނާ ވިދާޅުވިއެވެ.
މި ދުވަސްކޮޅަކީ ސްކޫލު ޗުއްޓި އަދި އީދު ޗުއްޓީއަށް މީހުން ރަށްރަށަށް ގޮސް އެނބުރި އަންނަން ފަށާފައިވާ ދުވަސްކޮޅަކަށްވާ އިރު، އެންމެ ގިނަ އަދަދަކަށް ފެރީ ލޯންޗު ފަދަ އުޅަނދު ގާތްކުރަނީ އެމްއެމްއޭއާ ދިމާލު އެއް ނަންބަރު ފާލަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު