ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނީ މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 10 އަދި 11 ވަނަ ދުވަހު ހެނދުނު 10:00 އާއި މެންދުރު 12:30 އާއ ދެމެދު ކަމަށެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިސްގެ މަސައްކަތްތަކާއި, ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށާއި، ތަފާސްހިސާބުގެ ގައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދިނުމަށް، ސްޓެޓިސްޓިކްސް ކައުންސިލުގެ ނަމުގައި ކައުންސިލެއް އޮންނަންވާނެކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ އަށްވަނަަ ދުވަހު އެވެ.
ތަފާސް ހިސާބުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުންނެވެ. އެ ދުވަހުން ފެށިގެން މި ބިލު ވަނީ ގާނޫނަކަށް ބަދަލުވެފަ އެވެ.
މި ގާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި އާންމުކުރުމާއި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން ހިމެނެ އެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމާއި، ގައުމުގެ އިގްތިސާދީ، އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި އެއްހަމައެއްގައި ފޯރުކޮށްދިނުމަކީވެސް މި ގާނޫނުގެ މަގްސަދެކެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަގެ ދަށުން ހިންގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި މަސައްކަތް ކުރަމުންދާ އެންމެހައި މުވައްޒަފުން މިގަނޫނުގެ ދަށުން އުފެދޭ އިދާރާއަށް މިހާރު ވަނީ ބަދަލުވެފައެވެ.
ޚަބަރު
ޚަބަރު